13 Jan 2016, 11:23
ދޫނިދޫގައި ކޯޓު ރޫމެއް ހެދިޔަސް ޝަރީއަތްތައް ކުރިއަށް ގެންދާނީ މާލޭގައި ހުންނަ ކްރިމިނަލް ކޯޓުގައި ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ސަން އަށް ވިދާޅުވީ ދޫނިދޫގައި ކޯޓު ރޫމް ހެދުމުން، ކުށްވެރިން މާލެ ނުގެނެސް ދޫނިދޫގައި ބައިތިއްބައިގެން ޝަރީއަތް ހިންގާނީ މާލޭގައި ހުންނަ ކްރިމިނަލް ކޯޓުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެގޮތަށް ޝަރީއަތް ހިންގަނީ އެމަކާ ގުޅޭ ގޮތުން އެ ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ކަމަށާއި އެ އުސޫލު މީޑިއާއަށް ވެސް ވަނީ ހިއްސާކޮށްފައި ކަމަށެވެ. ހަމަ އެހެންމެ އެ ކޯޓުގެ ވެބްސައިޓުން ކޮންމެ ފަރާތަކަށް ވެސް އެ އުސޫލު ފެނިވަޑައިގަންނަވާނެ ކަމަށް މަނިކު ވިދާޅުވި އެވެ.
ދޫނިދޫގައި ކޯޓު ރޫމް ހަދަނީ ފަނޑިޔާރުންގެ ބެންޗަކާ އެކު އެވެ. ނަމަވެސް ދޫނިދުއަށް ފަނޑިޔާރުންގޮސް ޝަރީއަތް ހިންގާނެ ކަމަށް ދެކެވޭ ވާހަކަ ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވަނީ ދޮގުކުރައްވައިފަ އެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަރޫފާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް ކުރިއަށް ގެންދިޔައީ އެ ދެ ބޭފުޅުން ކޯޓަށް ހާޒިރުނުކޮށް ދޫނިދޫގައި ހަދަމުންދާ ކޯޓު ރޫމުގައި ބައިތިއްބައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެގޮތަށް ޝަރީއަތް ހިންގަން ދެކޮޅު ހަދައިފަ އެވެ.
ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެދުނީ އެދެ ބޭފުޅުން މާލެ ގެނެސްގެން ޝަރީއަތް ހިންގުމަށެވެ. އަދި އެގޮތުގެ މަތިން މިހާރު ކްރިމިނަލް ކޯޓުން އަންނަނީ އަމަލު ކުރަމުންނެވެ.
މަނިކު ވިދާޅުވީ ދޫނިދޫގައި ދައުވާ ލިބޭ މީހުން ބައިތިއްބައިގެން ބާއްވާ ޝަރީއަތުގެ މަޖިލީސްތައް އަޑުއަހަން ވަނުމުގެ ފުރުސަތު ނޫސްވެރިންނަށާއި އަދި ހުރިހާ ރައްޔިތުންނަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.