13 Jan 2016, 13:00
ޓޮރޮންޓޯ (ޖެނުއަރީ 13): މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އިއްޔެ އާ ހަމައަށް ސީރިޔާގެ 10،000 އަށް ވުރެ ގިނަ ރައްޔިތުންނަށް ކެނެޑާއިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
ކެނެޑާއަށް އަންނަ ސީރިޔާ ރައްޔިތުންނަށް ދިރިއުޅޭނެ ގެޔެއް ހޯދުމުގައި ބައެއް ފަހަރު ދަތިތައް ދިމާވިޔަސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ދިޔައީ އެއްވެސް މައްސަލައެއް ނުޖެހި ކަމަށް ވެސް ސީރިޔާ ރައްޔިތުން ސްޕޮންސާ ކުރާ ފަރާތްތަކުން ބުންޏެވެ.
އޮކްޓޯބަރު މަހު ކެނެޑާގެ ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވި ޖަސްޓިން ޓްރޫޑޯގެ އެންމެ ފުރަތަމަ އަމާޒުކުރެއްވީ މިދިޔަ އަހަރު ނިމެންވާ އިރަށް 25،000 ސީރިޔާ ރައްޔިތުންނަށް ކެނެޑާ އިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. ނަމަވެސް، ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް ފަހު އެއަދަދަށް ސީރިޔާ ރައްޔިތުން ގެނައުމުގެ މުއްދަތު ވަނީ މިއަހަރުގެ މާޗް މަހަށް ލަސްކޮށްފަ އެވެ.
މިދިޔަ ހުކުރު ދުވަހު ކެނެޑާއަށް ދިޔަ ސީރިޔާ ރައްޔިތުންނަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާއެއްގައި ކެނެޑާ ރައްޔިތަކު ވަނީ ހަފްލާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފަ އެވެ. ކެނެޑާގެ ބޮޑު ވަޒީރު ވަނީ އެ އަމަލު ކުށްވެރި ކުރައްވާފަ އެވެ. އަދި ގިނަ ކެނެޑާ ރައްޔިތުން ރެފިޖީންނަށް ކިޔަނީ ހޫނު މަރުހަބާއެއް ކަމަށް ވިދާޅުވެފަ އެވެ.