13 Jan 2016, 11:53
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުން އެމެރިކާގެ ތިން ސެނެޓަރަކާ ބައްދަލުކޮށްފި އެވެ.
ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖެރަޑް ޖެންސާ އާއި އަމާލް ކްލޫނީ ވަނީ އެމެރިކާގެ ސެނެޓަރުން ކަމަށްވާ ޕެޓްރިކް ލީހީ އާއި ކްރިސް މާފީގެ އިތުރުން ޖޯ ކްރައުލީ އާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.
ނަޝީދުގެ ލީގަލް ޓީމުން އެމެރިކާގެ ސެނެޓަރުންނާ ބައްދަލު ކުރުން -- ފޮޓޯ: ޓުވިޓާ
އެ ބައްދަލުވުންތަކުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި އަހުމަދު ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ތިން ސެނެޓަރުންނާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކަށް ފަހު، ގާނޫނީ ވަކީލް ޖެރަޑް ޖެންސާ ވިދާޅުވީ، ޕެޓްރިކް ލީހީ އާއި ޖޯ ކްރައުލީ، ރައީސް ނަޝީދު ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައިވާ ކަމަށެވެ.

ނަޝީދުގެ ލީގަލް ޓީމުން އެމެރިކާގެ ސެނެޓަރުންނާ ބައްދަލު ކުރުން -- ފޮޓޯ: ޓުވީޓާ
އެ ބައްދަލުވުންތަކުގައި ދިވެހި ސަރުކާރުން އިންސާނީ ހައްގުތަކާ ހިލާފް ކަންތައްތަކެއް ހިންގަމުން ގެންދާ ކަމަށް ބުނެ މަޝްވަރާ ކޮށްފައިވާ އިރު، އެކަންތައްތައް ހުއްޓުވަން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ސެނެޓަރުން ދެއްވާފައިވާ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި ތަކުރާރުކޮށް އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ، ސަރުކާރުގެ ބައެއް އިސްވެރިންނާ ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ލިސްޓެއް އެކުލަވާލައި ވައިޓް ހައުސް އަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް ލިސްޓުގައި ހިމެނިވަޑައިގަންނަވާ އިސްވެރިންނަކީ ކޮބައިކަން އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައި ނުވާ އިރު، އެ ލިސްޓްގައިވާ ބޭފުޅުންނަށް އެމެރިކާއަށް ދަތުރު ނުކުރެވޭ ގޮތް ހެދުމަށް އެދިފައިވެ އެވެ.