މިދިޔަ ސީޒަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގައި ހުރެފައި ޓްރާންސްފާ ޕީރިއަޑްގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބަދަލުވި އަހްމަދު ނިޔާޒު (ނިޔާ) މިއަހަރު ސީޒަންގައި އަލުން ނިއުއަށް ބަދަލުވެއްޖެއެވެ.

ނިޔާވަނީ ފޭސްބުކް މެދުވެރިކޮށް އެކަން ކަށަވަރުކޮށްދީފައެވެ.

ނަމަވެސް އޭނާ ނިއުއަށް ސޮއި ކުރިކަމެއް އަދި ސޮއި ކުރީ ކިތައް އަހަރަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅޭ ގޮތުން ނިއުގެ އޮފީޝަލެއް ވިދާޅުވީ، ނިޔާ މިއަހަރު ސީޒަންގައި ނިއުއަށް ކުޅެން އެއްބަސްވެފައިވާ ކަމަށެވެ.

ނަމަވެސް ނިޔާ އަދި ނިއުގެ ކޮންޓްރެކްޓްގައި ސޮއި ކުރިކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

މިއަހަރު ސީޒަނަށް ނިއު ތައްޔާރުވަމުންދާއިރު މިދިޔަ ސީޒަންގައި އެ ކުލަބުގައި ހޭދަ ކުރި ބައެއް ކުޅުންތެރިން ވަނީ އެޓީމު ދޫކޮށް ގޮސްފައެވެ.

މިދިޔަ ސީޒަންގައި ނިއުގެ ކެޕްޓަންކަން ކުރި އަސްހަދު ޢަލީ (އަޑޭ) މާޒިޔާއަށް ބަދަލުވެފައިވާއިރު، ވައިސްކެޕްޓަން ޢަލީ ފާސިރު (ސެންޓޭ) އާއި ޑިފެންޑަރު އަހްމަދު ޢަބްދުﷲ (ލިލީ) އާއި މިޑްފީލްޑަރު ހަމްޒަތު މުހައްމަދު ވަނީ ޓީސީ ސްޕޯޓްސް އަށް ބަދަލުވެފައެވެ.