16 Apr 2011, 12:35
ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު މަހުލޫފާއި ކައުންސިލް މެންބަރު މުހައްމައްދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ދޭތެރޭ ޑީއާރުޕީން ފިޔަވަޅު އަޅަން ނިންމީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެގެން ނޫން ކަމަށާއި ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ކުރައްވާ ހުދުމުހުތާރު އަމުރުތަކަށް ކިޔަމަން ނުވާތީ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވެއްޖެ އެވެ.
މަހުލޫފާއި ވައްޑޭ ޑީއާރުޕީ ބައިބައިކޮށް ފިތުނަ އުފައްދައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ހުރަސްއަޅާ ކަމަށް ބުނެ ޑީއާރުޕީގެ ކައުންސިލުން ވަނީ އެ ދެ ބޭފުޅުންގެ މައްސަލަ ޕާޓީގެ މެންބަރުންގެ ކަންތައް ބަލަހައްޓާ ކޮމެޓީ އަށް މިދިޔަ ބުދަ ދުވަހު ފޮނުވައިފަ އެވެ.
އެ ބޭފުޅުންނާ މެދު ފިޔަވަޅުއަޅަން ނިންމުމުން ޒައީމް މައުމޫންގެ ވަކީލުކަން ވެސް ކުރައްވާ ވައްޑޭ ބުދަ ދުވަހު ވިދާޅުވީ އެ ބޭފުޅާ ޑީއާރުޕީން ވަކިކުރަން ޕާޓީގެ ލީޑަރު ތަސްމީން އަލީ މައްސައްކަތް ކުރައްވަނީ ތަސްމީނަށް ތާއީދެއްނެތް ކަން ހާމަވުމުން ކަމަށާއި އޭނާ އާ މެދު ފިޔަވަޅު އަޅައިފި ނަމަ އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށެވެ.
"އަޅުގަނޑަށް މީޑިއާ އިން މި އެގެނނީ. އަޅުގަނޑާ މެދު ފިޔަވަޅު އަޅަން ނިންމިކަން. އަޅުގަނޑަށް ނުވެސް އެނގޭ. އެ ތުހުމަތު ކުރާ ފަދަ ކަމެއް އަޅުގަނޑުކޮށްފައެއް ނޯންނާނެ. ތަސްމީން އެގެންދަވަނީ އިންސާނަކަށް ހުދުމުހުތާރު ވެވޭނެ އެންމެ މަތީ ދަރަޖައަށް ހުދުމުހުތާރު ވަމުން. އޭނަ ބުނާހާ ގޮތަކަށް ކަންތައްތައް ނުކުރާތީ މައްސަލައަކީ. އަޅުގަނޑާ މެދު ފިޔަވަޅު އަޅައިފިއްޔާ އެކަން ކޯޓަށް ވައްދާނަން،" ވައްޑޭ ވިދާޅުވި އެވެ.
ޑީއާރުޕީގެ 18 ވަނަ ކައުންސިލް ޖަލްސާ އިން ފިޔަވަޅު އަޅަން ނިންމި ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ވެސް މެންބަރު މަހުލޫފް އެ މައްސަލައިގާ ވިދާޅުވީ ތަސްމީން އިސްކޮށް ހުންނަވައިގެން އޭނާ އާ މެދު ފިޔަވަޅު އަޅަން މަސައްކަތް ކުރައްވަނީ މަޖިލީހުގައި ތަސްމީން ބޭނުންނުވާ ގޮތަށް ރައްޔިތުންގެ ފައިދާ އަށް މަސައްކަތް ކުރައްވާތީ ކަމަށާއި މިހާރު ޑީއާރުޕީގައި ތަސްމީނަށް އޮތް ތާއީދު ގެއްލިފައިވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ފަހުން މާރާމާރީ ހުއްޓުވުމަށް ހުށަހެޅި ބިލްތަކަކީ ޑީއާރުޕީން ނޫނެކޭ ބުނެ ބުނެ އޮއްވައި ހުށަހެޅި ބިލްތަކެއް. އެކަމާ ކަންނޭނގެ ހިތްހަމަނުޖެހިގެން މި އުޅެނީ. އަޅުގަނޑު ނުޖެހޭނެ ތަސްމީން ބުނާ ގޮތަށް މަސައްކަތް ކުރާކަށް. ރައްޔިތުން ބުނާ ގޮތަށް އަޅުގަނޑު މަސައްކަތް ކުރަން ޖެހޭނީ. ދެން ތަސްމީނަށް ބުނާނީ ތިޔަ ލޯގޯ އާއި ދިދައިގެ ބަދަލުގައި ކޮންމެވެސް އެހެން އެއްޗިހި ބޭނުންކުރާށޭ. މިހާރު ތަސްމީނަށް ތާއީދެއްނެތޭ،" މަހުލޫފް ވިދާޅުވި އެވެ.
އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ޑީއާރުޕީން މަސައްކަތް ކުރާއިރު އެ ޕާޓީގެ ނައިބު ލީޑަރުގެ މަގާމުގައި ހުންނެވި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާ މެދު ވެސް ފިޔަވަޅު އަޅަން ނިންމައި އެ ޕާޓީގެ މެންބަރުންގެ ކަންތައް ބަލަހައްޓާ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ. ނަމަވެސް އިލްހާމް ފޯނަށް ޖަވާބުނުދެއްވާތީ އެ މައްސަލައިގާ އޭނާގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފަ އެވެ.
މީގެ ކުރިން ވެސް ޑީއާރުޕީން ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވި ކަމަށް ނިންމައި ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ޕާޓީން ވަކިކޮށްފަ އެވެ.