13 Jan 2016, 10:32
އައިލެންޑް އޭވިއޭޝަންގެ އޮފީސް ފަޅާލައި އެތަނުގައިވާ ތިޖޫރީތަކަކުން 500،000 (ފަސް ލައްކަ) އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އައިލެންޑް އޭވިއޭޝަން އޮފީސް ފަޅާލައި ވައްކަންކޮށްފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހު އެވެ.
އެވައްކަން ކުރިތާ ހަތަރު މަހާއި ތިން ހަފްތާވެފައިވާ އިރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގް ކުރިއަށްދާ ކަމަށާއި އަދި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
"އަދިނެތް މީހަކު ހައްޔަރުކޮށްފައެއް، ތަހުގީގް ކުރަމުން ދަނީ." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެވައްކަން ކުރި ދުވަހު ފުލުހުން ބުނީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކުރީ އެ ރޭ ފަތިހު 5.30 އެހާކަންހާ އިރު ކަމަށެވެ. އަދި އެ އޮފީސް ފަޅައިލި ބަޔަކު އެކަން ކޮށްފައި ވަނީ އެތަން ބަލަހައްޓަން ހުރި ސެކިއުރިޓީ ގާޑް ބަނުމަށް ފަހު ކަމަށެވެ.