ޔުނައިޓެޑް ނޭޝަންސް (ޖެނުއަރީ 13): ސީރިޔާގެ އެއް މިލިއަނަށް ވުރެ ގިނަ ކުޑަކުދިންނަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ދިނުމަށް ޓަކައި ޔޫއެން އިން ހިންގާ ޕްރޮގްރާމަށް ހެޔޮއެދޭ ފަރާތްތަކުން ހަދިޔާ ކުރި ފައިސާގެ މިންވަރު 250 މިލިއަން ޑޮލަރަށް އަރައިފި އެވެ.

ނަމަވެސް ޔޫއެންގެ ބައިނަލްއަގުވާމީ ތައުލީމާއި ބެހޭ ސަފީރު، ގޯޑަން ބްރައުން ވިދާޅުވީ މިއަދަދު އަދި ވެސް މަދު ކަމަށެވެ. އަދި ތުރުކީއާއި ލުބުނާނާއި އުރުދުންގައި ތިބި ސީރިޔާ ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް އިތުރު 500 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.

ޅައުމުރުގައި ކައިވެނި ކުރުވުން ހުއްޓުވުމަށް މަސައްކަތް ކުރާ ޖަމްއިއްޔާ އެއް ކަމަށްވާ "ގާލްސް ނޮޓް ބްރައިޑްސް" އިން ބުނީ ސީރިޔާގައި ކައިވެނި ކުރާ ކުޑަކުދިންގެ އަދަދު މިދިޔަ އަހަރުތެރޭގައި ދެގުނަ އަށް އިތުރުވެފައިވާ ކަމަށެވެ. އަދި ދާދި ފަހުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ސީރިޔާގެ ކޮންމެ ތިން ރެފިއުޖީ ކުދިންގެ ތެރެއިން އެއް ކުއްޖަކީ އުމުރާއި ނުގުޅޭ މަސައްކަތް ކުރާ ކުއްޖެއް ކަމަށެވެ.

"އެކުދިންނަށް ތައުލީމު ފޯރުކޮށްދީ މުސްތަގުބަލަށް އާ އުއްމީދެއް ދިނުމަކީ ވީހާވެސް އަވަހަށް ކުރަންޖެހޭ ކަމެއް،" ބްރައުން ވިދާޅުވި އެވެ.

ލުބުނާނުގައި ދިރިއުޅޭ ސީރިޔާގެ ކުދިންނަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ދިނުމަށް ޓަކައި އެގައުމުން ވަނީ އެގައުމުގެ ސްކޫލް ގަޑި ދެ ދަންފަޅިއަށް ބަހާލާފަ އެވެ. ހެނދުނު ދަންފަޅީގައި ކިޔަވަނީ ލުބުނާނުގެ ދަރިވަރިންނެވެ. އެކުދިން ނިމުމުން، ހަވީރު ގަޑީގައާއި ރޭގަނޑު ކިޔަވަނީ ސީރިޔާގެ ކުދިންނެވެ. ބްރައުން ވިދާޅުވީ ލުބުނާނުގެ އެ ނިންމުމުގެ ސަބަބުން 200،000 ރެފިއުޖީ ކުދިންނަށް އުގެނުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

އަދި ޔޫއެންގެ މިހާރުގެ މަގްސަދަކީ މިއަންނަ އަހަރު އަންނަންވާ އިރަށް ތުރުކީއާއި، އުރުދުންނާއި ލުބުނާނުގައި ތައުލީމު ހާސިލުކުރާ ސީރިޔާ ކުޑަކުދިންގެ އަދަދު އެއް މިލިއަނަށް އެރުވުން ކަމަށް ބްރައުން ވިދާޅުވި އެވެ. (އޭޕީ)