ބާޖީރާއޯ މަސްތާނީ އާ އެއް ދުވަސްވަރެއްގައި ރިލީޒް ކުރި ނަމަވެސް ދިލްވާލޭއަށް އިންޑިއާ އިން ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. އެގޮތުން އެ ފިލްމަށް ވަނީ 350 ކުރޯޑަށް ވުރެ ބޮޑު ފައިދާ އެެއް ލިބިފަ އެވެ.

އެހެންނަމަވެސް އިންޑިއާ އިން އެ ފިލްމަށް ލިބުނު ކާމިޔާބާ މެދު ޝާހު ހިތް ހަމައެއް ނުޖެހެ އެވެ.

"އަހަންނަކަށް ހިއެއް ނުވޭ އެފިލްމަށް ލިބެން ޖެހޭ ވަރުގެ ކަމިޔާބީއެއް ލިބުނު ހެނެއް... ތެދަށް ބުނާ ނަމަ އިންޑިއާ އިން އެ ފިލްމަށް ލިބޭނެ ކަމަށް އަހަރެން އުއްމީދު ކުރި ވަރަކަށް ތަރުހީބެއް އެ ފިލްމަށް ނުލިބޭ...އަހަރެން ވަރަށް ޑިސަޕޮއިންޓް އެކަމާ،" ޝާހު ބުންޏެވެ.

ޝާހު ބުނީ، ހިތްހަމަ ޖެހޭ ވަރުގެ ކާމިޔާބީއެއް ދިލްވާލޭ އަށް، އިންޑިއާއިން ނުލިބުނު ނަމަވެސް އެހެނިހެން ގައުމުތަކުން އެ ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

"ޖާމަނީ، އޮސްޓްރިއާ ފަދަ ގައުމުތަކުގައި އެ ފިލްމަށް ރަނގަޅު ތަރުހީބެއް ލިބުނު. އިންޑިއާގެ ފިލްމުތަކަށް ދުނިޔޭގެ އެކި ހިސާބުތަކުން ތަރުހީބު ލިބުން އެއީ ފާހަގަކޮށްލަން ޖެހޭ ކަމެއް. އެހެންވުމުން ވަރަށް ގިނަ ވިޔަފާރީގެ ފުރުސަތުތަކެއް އެބަހުރި،" ޝާހު ބުންޏެވެ.

އިންޑިއާގެ ބޮކްސް އޮފީހުގައި ދިލްވާލޭ އާއި ބާޖީރައޯ މަސްތާނީގެ ބޮޑު ވާދަވެރި ކަމެއް އޮތް ނަމަވެސް، ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ބާޖީރައޯ މަސްތާނީ އަށް ވުރެ ބޮޑު ތަރުހީބެއް ލިބުނީ ދިލްވާލޭ އަށެވެ.

ދިލްވާލޭ އަކީ ޝާހު އާއި ކާޖޮލް އަށް ވަރަށް ހާއްސަ ފިލްމެކެވެ.

އެއީ އެ ދެ ތަރިން ފަސް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އެކުގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމެވެ. ހަމައެހެންމެ ދިލްވާލޭގެ ފުރަތަމަ ފިލްމުން ވެސް ފެނިގެން ގޮސްފައި ވަނީ އެދެތަރިންނެވެ.