13 Jan 2016, 10:25
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗަސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު 3-3ގެ ނަތީޖާއަކުން އެއް ވަރުވެ ޔުނައިޓެޑް މޮޅުވިއަނުދީ ނިއުކާޝަލް އިން ހިފަހައްޓައިފި އެވެ.
އެ ނަތީޖާއާ އެކު ޔުނައިޓެޑް އޮތީ 21 މެޗުން 34 ޕޮއިންޓާ އެކު ހަ ވަނާގަ އެވެ. ނިއުކާސަލް އަށް ލިބިފައި ވަނީ 18 ޕޮއިންޓާ އެކު ޓޭބަލުގެ ފުލުން ތިން ވަނަ އެވެ.

އިނގިރޭސި ޕްރިމިއާލީގްގައި ރޭ މެންޗަސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ
ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ނުވަވަނަ މިނެޓްގައި ޔުނައިޓެޑުން ވަނީ ލީޑުނަގައިފަ އެވެ. ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން އެ ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ވޭން ރޫނީ އެވެ. ޔުނައިޓެޑަށް ލީޑްފުޅާ ކޮށްދިން ގޯލް ރޫނީ ތަނަވަސް ކޮށްދިން ފުރުސަތަކުން މެޗުގެ 38 ވަނަ މިނެޓްގައި ލިންގާޑް ވަނީ ކާމިޔާބުކޮށްފަ އެވެ.
ނިއުކާސަލް އިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 42 ވަނަ މިނިޓްގައި ޖޯޖީނިއޯ އެވެ. އަދި ޕެނަލްޓީއަކުން ދެ ވަނަ ލަނޑު ޖެހީ 67 ވަނަ މިނިޓްގައި އެލެގްޒެންޑާ މިޓްރޮވިޗެވެ. ނިއުކާސަލް އިން ނަތީޖާ އެއްވަރުކުރި ނަމަވެސް، މެޗުގެ 79 ވަނަ މިނެޓްގައި ރޫނީ ވަނީ ޔުނައިޓެޑްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ، އެޓީމަށް އަލުން ލީޑުނަގައިދީފަ އެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން ނިއުކާސަލް އިން ވަނީ މެޗުގެ އިތުރު ވަގުތުގައި ނަތީޖާ ދެ ވަނަ ފަހަރަށް ހަމަހަމަކޮށްފަ އެވެ. އެ ގޯލް ކާމިޔާބު ކޮށްދިނީ ޕައުލް ޑަމެޓް އެވެ.

އިނގިރޭސި ޕްރިމިއާލީގްގައި ރޭ މެންޗަސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ
މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް ލުއިސް ވެންހާލް ބުނީ ނިއުކާސަލް އަށް ދިން ޕެނެލްޓީއާ މެދު ސުވާލު އުފެދޭ ކަމަށާއި އެހެންނަމަވެސް މެޗުން މޮޅުނުވުމުގެ ޒިންމާ ރެފްރީގެ ބޮލުގައި އަޅުވަން ބޭނުންނުވާ ކަމަށެވެ.
"އަހަރެމެންގެ ނަސީބު ދެރަކަމުން މި މެޗުން މޮޅުނުވެވުނީ. ކުޅުންތެރިންގެ ފަރާތުން ވެސް އެންމެ މޮޅު ކުޅުމެއް ފެނިގެނެއް ނިދިޔަ. ތަނަކޮޅެއް ފަސޭހަ ކޮށްލުމުގެ ނަތީޖާ ފެނިގެން އެ ދިޔައީ،" ވެންހާލް ބުންޏެވެ.
މިމަހުގެ 17 ވަނަ ދުވަހު ލިވަޕޫލްއާ ދެކޮޅަށް ނިކުންނަ މެޗާ ގުޅޭ ގޮތުން ވެންހާލް ބުނީ އެ މެޗަކީ ޔުނައިޓެޑުގެ އިތުރުން ލިވަޕޫލްއަށް ވެސް މުހިންމު މެޗަކަށް ވާނެ ކަމަށާއި މިވަގުތުގެ ވިސްނުން ހުރީ ހަމައެކަނި އެ މެޗަށް ކަމަށެވެ.