13 Jan 2016, 09:45
ގިނަ އަދަދަދެއްގެ ދަރިވަރުން ކިޔަވަމުން އަންނަ ދެ ސްކޫލް ކަމަށްވާ އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލް ހިމެނޭ ސަރަހައްދުގައި "ސްކޫލް ކުދިންނަށާއި ބެލެނިވެރިންނަށް ރައްކާތެރި ސަރަހައްދެއް" ގާއިމްކޮށްފި އެވެ.

ދަރިވަރުންނާއި ބެލެނިވެރިންނަށް ހިނގަން ފަސޭހަވާނެހެން އިސްކަންދަރު ސްކޫލް ކައިރީގައިވާ ދުވާރު ވެސް ފުޅާކޮށްފައި. ހައުސިން މިނިސްޓްރީން ވަނީ އެއީ ރައްކާތެރި ސަރަހައްދެއް ކަމަށް އިއުލާންކޮށްފައި. ސަން ފޮޓޯ: އަޙުމަދު މުޖުތަބާ ސައީދު
އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލް ހުންނަ ސަރަހައްދުގައި ގާއިމްކޮށްފައިވާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ރައްކާތެރި ސަރަހައްދު ރަސްމީކޮށް ހުޅުވިކަން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ.
ސްކޫލް ކުދިންނަށާއި ބެލެނިވެރިންނަށް ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ހެދުމަށް ޓަކައި ހައުސިން މިނިސްޓްރީން ކޮށްފައިވާ މަސައްކަތަކީ ހިނގާބިނގާވެ އުޅެން ފަސޭހަވާނެހެން، ޗާނދަނީމަގުގައި އެ ދެ ސްކޫލް ހުންނަ ފަރާތުގެ ދުވާރު ފުޅާކޮށް، ދުވާރާއި މަގާ ގުޅޭ ހިސާބުގައި ދަނގަނޑު ހޮޅީގެ ޗެންޗޭނެއް ޖެހުމެވެ.

ދަރިވަރުންނާއި ބެލެނިވެރިންނަށް ހިނގަން ފަސޭހަވާނެހެން އަމީނިއްޔާ ސްކޫލް ކައިރީގައިވާ ދުވާރު ފުޅާކޮށްފައި. ހައުސިން މިނިސްޓްރީން ވަނީ އެއީ ރައްކާތެރި ސަރަހައްދެއް ކަމަށް އިއުލާންކޮށްފައި. ސަން ފޮޓޯ: އަޙުމަދު މުޖުތަބާ ސައީދު
އެ ސަރަހައްދު ތަރައްގީކޮށްފައި ވަނީ މާލޭގެ ބައެއް އެހެން ސްކޫލްތައް ކައިރީގައި ކުރިން ގާއިމްކޮށްފައިވާ އެފަދަ ސަރަހައްދުތަކާ އެއްގޮތަށެވެ. އެގޮތުން ޖަމާލުއްދީން ސްކޫލް ކައިރީގައި ކުރިން އެފަދަ ސަރަހައްދެއް ގާއިމްކޮށްފައިވެ އެވެ.