ވޭތުވެ ދިޔަ އަހަރެކޭ އެއް ފަދައިން މި އަހަރަކީ ވެސް ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕުރާ އަށް ވަރަށް ކާމިޔާބު އަހަރަކަށް ވާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ޓީވީ ސީރީސް ކުއަންޓިކޯ އާއި ބޮލީވުޑްގެ ފިލްމު ބާޖީރާއޯ މަސްތާނީގެ ބޮޑު ކާމިޔާބީއަށް ފަހު ޕްރިޔަންކާގެ މިސްރާބު މިހާރު ހުރީ އެމެރިކާގެ ކުރީގެ ޓީވީ ސީރީސް އެއް ކަމަށްވާ "ބޭވޮޗް" އަށް ބިނާކޮށް އުފައްދަން ނިންމާފައިވާ ފިލްމަށެވެ.

އެ ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ އިރު އެ ފިލްމުގައި ޕްރިޔަންކާގެ އިތުރުން ޒެކް އެފްރޮން އާއި ޑުވޭން ޖޯންސަން ފަދަ ހޮލީވުޑްގެ މަޝްހޫރު ތަރިން ބައިވެރިވެ އެވެ.

ސެތު ގޯރޑަން ޑައިރެކްޓު ކުރާ އެ ފިލްމު ވެގެންދާނީ ޕްރިޔަންކާގެ ފުރަތަމަ ހޮލީވުޑް ފީޗާ ފިލްމަށެވެ.

ކުއަންޓިކޯ އެކޭ އެއްފަދައިން އެ ފިލްމުވެސް ކާމިޔާބު ވެއްޖެ ނަމަ، ޕްރިޔަންކާ އަށް ހޮލީވުޑް އިން ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

ޕްރިޔަންކާގެ އިތުރުން ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯންވެސް ވަނީ ހޮލީވުޑްގެ ފިލްމަކުން ފެންނާނެ ކަމުގެ ފެހި ސިގުނަލްތަކެއް ދީފަ އެވެ.