13 Jan 2016, 09:27
ވޮޝިންޓަން (ޖަނަވަރީ 13): އެމެރިކާގެ ސިޔާސީ ނިޒާމު އިސްލާޙް ކުރަންޖެހިފައިވާ ކަމަށް އެ ގައުމުގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ އިއްތިޙާދީ ދައުލަތުގެ ހާލަތާ ބެހޭ ގޮތުން ދެއްވުމަށް ހަމަޖެހިފައިވާ އަހަރީ ޚިތާބު (ސްޓޭޓް އޮފް ދި ޔުނިޔަންގެ ތަގްރީރު) ގައި އޮބާމާ ވިދާޅުވީ އެމެރިކާގެ ސިޔާސީ ނިޒާމަކީ ރައްޔިތުންގެ ވޯޓާއި ކުޅުމާއި ކޮންގްރެސްގެ މެންބަރުން އިންތިޚާބުކުރާނެ ސަރަހައްދުތައް ކަނޑައެޅުން ފަދަ ކަންކަމުގައި ރައްޔިތުންނާ ހިސާބަށް ދިޔުމުގެ ބަދަލުގައި ވަކި ފަރާތްތަކެއްގެ ނުފޫޒު ހިނގާ ގޮތަށް އޮންނަ ނިޒާމެއްކަމުގަ އެވެ. އަދި އެމެރިކާގެ އިންތިޚާބުތަކަކީ ވެސް އިސްރާފުބޮޑު އަދި ރައްޔިތުންނަށް ކެންޑިޑޭޓުންދޭ މެސެޖްތައް ފުށައަރާ ގޮތަށް ދެވޭގޮތަށް އޮންނަ ނިޒާމެއްކަމުގަ އެވެ.
މީގެ އިތުރުން އެމެރިކާގެ ސިޔާސީ ނިޒާމަކީ ވަކިކޮޅަކަށް ވޯޓުލުމަށް ރައްޔިތުންނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވާ އަދި އާދައިގެ ނިކަމެތި ރައްޔިތު މީހާގެ ވޯޓަކީ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން އަނބުރާލެވޭ ވޯޓަކަށް ވާ ނިޒާމެއްކަމަށާއި މިނިޒާމު އިސްލާޙްކޮށް ރައްޔިތުން ބާރުވެރި ކުރެވޭ ގޮތަށް ހަދަންޖެހޭ ކަމުގަ އެވެ.
"އާދައިގެ ރައްޔިތުމީހާގެ ވޯޓަކީ މުހިއްމު ވޯޓަކަށް ނުވެފައި މުޅި ސިޔާސީ ނިޒާމަކީ މުއްސަނދިންނަށާއި ބާރުގަދަ މީހާގެ މަސްލަހަތު ހިމާޔަތް ކުރާ ނިޒާމެއް ނަމަ ޑިމޮކްރަސީ ވަނީ ފޭލްވެފައި،" އޮބާމާ ވިދާޅުވި އެވެ.
އެމެރިކާގެ އިއްތިޙާދީ ދައުލަތުގެ ހާލަތާ ބެހޭ ގޮތުން ދެއްވުމަށް ހަމަޖެހިފައިވާ އަހަރީ ޚިތާބުގެ ބައެއް ބައިތައް އެޚިތާބު ދެއްވުމުގެ ތަންކޮޅެއްކުރިން ވައިޓް ހައުސްއިން ވަނީ މީޑިއާއަށް އާންމުކޮށްފަ އެވެ. އެމެރިކާގެ ޑިމޮކްރަސީއަކީ އެންމެ ފުރިހަމަ އަދި އެއްވެސް އައިބެއްނެތް ޑިމޮކްރަސީއެއް ކަމަށް ދެއްކުމަށް އެމެރިކާގެ މީޑިޔާއާއި އެމެރިކާގެ ވެރިން މަސައްކަތް ކުރައްވަމުން ގެންދަވާތާ ދިގުމުއްދަތެއް ވެފައިވެ އެވެ. މި ޕްރޮޕްގެންޑާތަކުގައި ދުނިޔޭގެ އެތަށްބަޔަކު ޖެހި އެމީހުންގެ ގައުމުތައް އެމެރިކާގެ "ލާމަސީލު" ޑިމޮކްރަސީއާ އެއްގޮތަށް ބައްޓަން ކުރަން މަސައްކަތް ކުރުމުގެ ސަބަބުން ބައެއް ގައުމުތައް ވަނީ މުޅިން ހަލާކުވެފަ އެވެ. ނަމަވެސް އޮބާމާ ވަނީ އެމެރިކާގެ ޑޮމޮކްރަސީގައިވާ އުނިކަންތައްތައް ހާމަކުރައްވައި އެމެރިކާގެ ޑިމޮކްރަސީ އިސްލާޙް ކުރުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވައިފަ އެވެ.
ސިޔާސީ މުފައްކިރުންގެ ނަޒަރުގައި ވެސް އެމެރިކާއަކީ އެހެން ގައުމުތަކަށް ވުރެ ވެސް ބޮޑަށް މުއްސަނދިންގެ ބާރު ވެރިކަން އޮންނަ ގޮތަށް ބައްޓަން ކޮށްފައިވާ ސިޔާސީ އަދި އިގްތިސާދީ ނިޒާމެއް އޮންނަ ގައުމެކެވެ. މިނިޒާމުތައް ބައްޓަން ކޮށްފައިވަނީ ވެސް ފަގީރުންގެ މަސްލަހަތުގެ މައްޗަށް މުއްސަނދިންގެ މަސްލަހަތު އިސްކުރެވޭގޮތަށެވެ.
އެމެރިކާގެ އާމްދަނީގެ 90 ޕަސެންޓް ދަނީ އެ ގައުމުގެ އެންމެ 10 ޕަސެންޓް މުއްސަނދީންގެ ޖީބުތަކަށެވެ. (ނޫސްއެޖެންސީތައް)