16 Apr 2011, 10:36
އިނގިރޭސި ވިލާތުގައި އުމުރުން އެންމެ ދުވަސްވަންދެން މަސައްކަތް ކުރި މީހާ އުމުރުން 104 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ. އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލް ބުނާ ގޮތުގައި ވޭން ސާފުކުރުމުގެ މަސައްކަތް ކުރާ ބަސްޓާ މާޓިން ނަމަކަށް ކިޔާ އެމީހާ މަރުވީ އޭނާގެ މަސައްކަތުގެ ޝިފްޓް ނިންމާލިތާ ކުޑައިރުކޮޅެއް ފަހުންނެވެ.
މާޓިން މަރުވުމާ ހަމައަށް މަސައްކަތުގައި ދެމިހުރި އިރު އޭނާ ވަނީ އުމުރުން 101 އަހަރުގައި 2008 ވަނަ އަހަރު ލަންޑަން މެރަތަން ރޭސް ވެސް ފުރިހަމަ ކޮށްފަ އެވެ.
ފާއިތުވި ފަސް އަހަރު މާޓިން ވަޒީފާ އަދާކޮށްފައި ވަނީ ފެންވައިރު ކުރުމުގެ ހިދުމަތްދޭ ލަންޑަންގެ ކުންފުންޏެއްގަ އެވެ. އެތަނުގައި އޭނާ ކުރި މަސައްކަތަކީ އެތަނުގެ ހުރިހާ ވެހިކަލްތަކެއް ސާފުކުރުމެވެ.
"އެހަބަރު ލިބުމުން އަހަންނަށް ގަބޫލު ވެސް ނުކުރެވުން. އޭނާ އިއްޔެ ވެސް މަސައްކަތަށް ނުކުތް،" މާޓިންގެ މަރުގެ ހަބަރު އިއުލާން ކުރަމުން ޕިމިލްކޯ ޕްލަމްބާސްގެ މެނޭޖިން ޑައިރެކްޓަރު ޗާލީ މުލިންސް ވިދާޅުވި އެވެ. ޗާލީ ވިދާޅުވި ގޮތުގައި ޕިމިލްކޯގެ ހުރިހާ މުވައްޒަފުން ވެސް ވަނީ މާޓިން މަރުވުމުން ފުން ހިތާމައެއްގަ އެވެ.
މާޓިން ބުނާ ގޮތުގައި އޭނާ އުފަންވީ 1906 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭނާ އުފަންވީ ފުރާންސްގައި ކަމަށް ވިޔަސް އޭނާގެ މަންމަ ފަހުން އޭނާ އިނގިރޭސި ވިލާތަށް ވަގަށް ގެންދިޔައީ އެވެ. އަދި އޭނާ ބޮޑުވީ ކޯންވޯލްގެ ޔަތީމުހާނާއެއްގައި ކަމަށާއި އޭގެ ފަހުން އޭނާ ލަންޑަނަށް އައިސް ބްރިކްސްޓަން މާކެޓްގައި މަސައްކަތް ކުރިކަމަށް ވެސް މާޓިން ކުރިން ބުނެފައިވެ އެވެ.
މާޓިން އިނގިރޭސި ސިފައިންގެ ހިދުމަތަށް ވަދެ ދެ ވަނަ ބޮޑު ހަނގުރާމައިގައި ވެސް ބައިވެރިވެފައިވެ އެވެ. އޭނާގެ އުމުރުން 100 އަހަރު ފުރުން އުފަން މަސައްކަތުން ރިޓަޔާ ކުރުމަށް އޭރު އޭނާ މަސައްކަތް ކުރި ކުންފުނިން އެދުނު ނަމަވެސް އޭނާ ވަނީ އެކަމާ ދެކޮޅުހަދައިފަ އެވެ.
ބަސްޓާ މާޓިން އިނގިރޭސި ވިލާތުގެ ނޫސްތަކުގެ ފަލަ ސުރުހީއަށް ފުރަތަމަ އަރާފައި ވަނީ 2007 ވަނަ އަހަރު އޭނާ އަށް ހަމަލާދިން ފުރާވަރުގެ ގޭންގެއްގެ ކުދިންނާ ކުރިމަތިލައި އެމީހުންގެ އަތްދަށުން ސަލާމަތްވުމާ ގުޅިގެންނެވެ. އޭގެ އަހަރެއް ފަހުން ލަންޑަން މެރެތަންގައި ބައިވެރިވެ، އެރޭސް ފުރިހަމަކުރީ އެރޭސް ފުރިހަމަ ކުރި އެންމެ މުސްކުޅި މީހާގެ ރެކޯޑާ އެކުގަ އެވެ. – ޑެއިލީ މެއިލް