13 Jan 2016, 08:33
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، 75000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، 2016 ވަނަ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްތަކުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް މުޅި ޖުމުލަ 75755 ދަރިވަރުން ކިޔަވަމުންދާނޭ ކަމަށެވެ. އޭގެ ތެރޭގައި މާލޭ ސްކޫލްތަކުން 28533 ދަރިވަރުން ހިމެނޭއިރު އަތޮޅުތަކުގައި 47222 ދަރިވަރުން ހިމެނެއެވެ.

އަރަބިއްޔާ ސްކޫލްގައި ދިރާސީ އާ އަހަރު 2016ގެ ކިޔެވުން ފެށުމަށް ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ދިރާސީ އާއަހަރުގެ ކިޔެވުން މިއަދު ފަށާފައި ވާ އިރު، އިއްޔެ މީޑިއާއާ ބައްދަލުކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެފައި ވަނީ، މިފަހަރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބިދޭސީ ޓީޗަރުން ގެންނަން ޖެހުނު އަދަދު މަދުވުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އަލަށް ރާއްޖެ ގެނައި ބިދޭސީ ޓީޗަރުންގެ އަދަދު 200ގައި އުޅުނު އިރު މި އަހަރު އެ އަދަދު އުޅެނީ 100ގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަރުމަވަންތަ ސްކޫލްގައި ދިރާސީ އާ އަހަރު 2016ގެ ކިޔެވުން ފެށުމަށް ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
މި އަހަރު ރާއްޖޭގެ 223 ސްކޫލެއްގައި ޖުމުލަ 6400 ޓީޗަރުން ކިޔަވައިދޭ އިރު އޭގެ ތެރޭގައި ހިމެނެނީ 4200 ދިވެހި ޓީޗަރުންނާޢި 2200 ބިދޭސީ ޓީޗަރުންނެވެ.
ޑރ. އާއިޝަތު ޝިހާމް އިއްޔެ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް ވެސް މިހާރު ޓީޗަރުން ހަމަވެފައިވާ ކަމަށާއި އަދި ހުރިހާ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް މިހާރު ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ކަލާފާނު ސްކޫލްގައި ދިރާސީ އާ އަހަރު 2016ގެ ކިޔެވުން ފެށުމަށް ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީއަށް ދަރިވަރުންނަށް މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
އާ މަންހަޖުގެ ދަށުން މިއަހަރު ގިނަ ޓެކްސްޓް ފޮތްތަކަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ދަރިވަރުންގެ ޓެކްސްޓް ފޮތްތަކަށް ޖުމުލަ 40 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަަށް މިނިސްޓަރު އިއްޔެ ވިދާޅުވިއެވެ.

އަމީރު އަހްމަދު ޕްރީ ސްކޫލްގެ ދަރިވަރުން ގޮވައިގެން ބެލެނިވެރިން ހެނދުނު އެ ސްކޫލް ކައިރީ-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ސަރުކާރުން މިފަހަރު ސްކޫލް ތަކުގައި ކިޔަވައިދޭން ފެށި ޕްރީ ސްކޫލް ތަކުގައި 9000އަށް ވުރެ ގިނަ ދަރިވަރުން އެލްކޭޖީ އަދި ޔޫކޭޖީގައި މިއަދު ކިޔަވަން ފަށާނެއެވެ. އެގޮތުން ޕްރީ ސްކޫލްތަކުގެ ތައްޔާރީތަކަށް ޖުމުލަ 25 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށްވެސް މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވިއެވެ.