ގަލްފު ކަނޑުގައި ދަތުރު ކުރަމުން ދަނިކޮށް މެކޭނިކަލް މައްސަލައެއް ދިމާވެގެން ކަނޑުމައްޗަށް ހުއްޓުނު އެމެރިކާގެ ނޭވީގެ ދެ ބޯޓެއް އިރާނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރާ ގޮތުން، އެ ދެ ބޯޓު ހުއްޓުނީ އިންޖީނުގެ މައްސަލައެއް ދިމާވެގެންނެވެ.

ދެ ބޯޓު ހުއްޓި، އިރާނުގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު، އޭގައި ޔޫއެސް ނޭވީގެ 10 ފަޅުވެރިއަކު ތިއްބެވެ.

އެމެރިކާގެ މި ދެ ބޯޓު ކަނޑުމައްޗަށް ހުއްޓުނީ ކުވައިތުން ބަހްރައިނަށް ދަތުރު ކުރަމުން ދަނިކޮށެވެ. ދެ ބޯޓު ވެސް ދަތުރު މަތީގައި އުޅެނިކޮށް އެމެރިކާގެ ސްކޯޕުން ވަނީ ގެއްލިފަ އެވެ.

މިކަން ޕެންޓަގަންއިން ކަށަވަރު ކޮށްދީފައިވާ އިރު، އެ އިދާރާއިން ވަނީ އިރާނުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މި މައްސަލައާ ގުޅިގެން ވާހަކަ ދައްކައި، އެ ބޯޓުތަކުގައި ތިބި އެމެރިކާ ނޭވީގެ ފަޅުވެރިން ދޫކޮށްލައި، އެމީހުން ކުރަމުން ދިޔަ ދަތުރު އަލުން ކުރިޔަށް ގެންދިއުމުގެ ހުއްދަ ދެވޭނެ ކަމަށް ބުނެފަ އެވެ.

ޔޫއެސް ނޭވީގެ ބޯޓުތައް ހުއްޓުނު އިރު އެ ބޯޓުތައް އޮތީ އިރާނާ 12 ނޯޓިކަލް މޭލު ދުރުގަ އެވެ.

އިރާނާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން ހީނަރު ނަމަވެސް، އެމެރިކާގެ އަސްކަރީ އުޅަނދަކަށް އިރާނުން އެ ބޯޓުތައް ގެންގޮސް އަޅާލައި ހެދުމަކީ ވަރަށް "ޕްރޮފެޝަނަލް"ކޮށް ދިޔަ ކަމެއް ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އިސް ބޭފުޅުން ދަނީ ބުނަމުންނެވެ.