18 Jan 2016, 09:00
ކުޑައިރު ރަށަށް ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅޭއިރު ދެ ފައިވާން ކިބަ ބަހައްޓައިގެން ގޯލު ހަދައިގެން އެކުވެރިންނާ އެކު ކުޅެން އުޅޭ ހަނދާން އަދިވެސް ހުރެ އެވެ. އެއީ މީގެ އެތަކެއް އަހަރުތަކެއް ކުރި އެވެ. ތަރައްގީއާއި ތަހުޒީބުގެ ކުލަ އޭރު އަދި ރަނގަޅަށް ނުވެސް ދެކެމެވެ. މިހާރު މީ އޭގެ އެތަކެއް އަހަރު ފަހެވެ. ނަމަވެސް އަދިވެސް އޭރުގެ އެ މަންޒަރުތައް މިހާރު ވެސް އަހަރެމެންނަށް އެބަ ފެނެ އެވެ. އެކަމަކު ރަށްފުށު ހިސާބަކުން ނޫނެވެ. ވެރިރަށް މާލެ އިން ނެވެ.
އެމްއެންޑީއެފްގެ ކަޅުތުއް ކަލާ ކޮށީގެ އިރުން އޮންނަ މާފަންނު ސްޓޭޑިއަމްގެ ހުސް ބިމަށް ފުޓުބޯޅަ ކުޅެންދާ އިރު، އެތަނުގެ ހާލަތަކީ މިއީ އެވެ. އެއީ ހަމައެކަނި އޮތް ހުސް ބިމެކެވެ. ގޯލެއް ނުހުރެ އެވެ. ކުޅެން ބޭނުމިއްޔާ ހާހެއްހާ ރުފިޔާ ހަރަދުކޮށްގެން ކުޑަ ގޯލެއް ހަދަންވީ އެވެ. އަދި ގޯލެއް ހަދައިގެން ވެސް އެތާނގައި ކުޅެވޭ ގޮތެއް ނުވެ އެވެ. އެތަނުން ދަނޑެއް ހޯދަން ޖެހެ އެވެ. މެންދުރު ގަޑީގައި ގޮސް ރަނގަޅު ދަނޑެއް ހޯދުމަށް ފަހު ގޯލު އަޅަން ޖެހެ އެވެ. ނުވިތާކަށް އެތަނަށް ކުޅެންދާ ގަޑި ބޮޑު އަކުރުން ފެވުމަށް ފަހު އެންމެނަށް ފެންނާނެހެން ގޯލުގައި ތަތް ކުރަން ވެސް ޖެހެ އެވެ. މިއީ އެ ސްޓޭޑިއަމްގައި ކުޅެން ބޭނުން ނަމަ ކުރަންޖެހޭހާ މަސައްކަތެވެ. އެނޫނީ، އެޒަމާނުގައި ރަށުގަ އުޅުނުހެން މަގުގެ އެއްފަރާތު އަރިމަތިން ތަންކޮޅެއްގައި ދެކޮޅުގައި ދެކިބަ ފައިވާން ބަހައްޓައިގެން ގޯލް ހަދަންވީ އެވެ.

މާފަންނު ސްޓޭޑިއަމްގައި ބަޔަކު މީހުން ފުޓުބޯޅަ ކުޅެ ނިންމާލުމަށް ފަހު އެތަނުން ބޭރަށް ނުކުންނަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ކުޅެން ދިއުމަށް ފަހު އެތަނުގައި އުޅެންޖެހެނީ ވަރަށް ބަލައިގެންނެވެ. ސަބަބަކީ އެތަން އޮންނަ ގޮތުންނެވެ. ގާމަތީ ރަށެކޭ އެތަނެކޭ އެއްވެސް ތަފާތެއް ނެތެވެ. ވެލިކޮޅެއް އޮތް ސަރަހެއްދެއް ނުވެސް ހައްދަވައޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ބައެއް ރޭރޭ ކުޅެ ނިންމާލުމަށް ފަހު ފައިގެ ދަށްފުށަށް ތަދުވާ ވަރުން ހިނގައި ވެސް ނުލެވެ އެވެ. ބޫޓަށް އަރައިގެން ކުޅުނަސް އެތަނުގައި ގާ ގިނަކަމުން ގާ ކޮޅުތައް ފަޔަށް ހެރޭ ވަރުންނެވެ. ބައެއް ދުވަސް ދުވަހު ކުޅެން ފެށުމުގެ ކުރިން ކުޅެން އަރާ ތަނުގައި ހުރި ގާތަށް ހޮވަން ޖެހޭ ފަރުވެސް އާދެ އެވެ. ގަލުގެ އުނދަގުލާ ހެދި، ބައެއްފަހަރު އެތަނަށް ކުޅެންދާ މީހުންނަށް ބޮޑެތި އަނިޔާވެފައި އެބަހުއްޓެވެ.
"ތިވާހަކަ ނުދައްކާ. އަހަރެމެން ވަރަށް ގިނައިން އެތަނުގެ [ސްޓޭޑިއަމް]ގެ މައްސަލަ ހުންނާނެ ޔޫތު މިނިސްޓްރީ އަށް ހުށަހަޅާފައި. ހަމައެކަނި ދަނޑުގެ މައްސަލައެއް ނޫން. ތަން އަނދިރި ވުމުގެ ޝަކުވާ އަކީ ވެސް އަހަރެމެން ކުރާ ޝަކުވާއެއް. ކޮންމެ ރެއަކު ނުވައެއް ޖަހާކަންހާއިރު އަހަރެމެން ކުޅެންދަން. އެކަމަކު ގޯލު އަޅަން ދާން އެބަޖެހޭ އެ ދުވަހުގެ ހަވީރު ކުޅެން ދިއުމުގެ ހަތަރު ވަރަކަށް ގަޑިއިރު ކުރިން،" ސްޓޭޑިއަމަށް ކޮންމެ ރެއަކު ކުޅެންދާ އިސްމާއިލް މަމްދޫހު ކިޔާ ޒުވާނަކު ބުންޏެވެ.

މާފަންނު ސްޓޭޑިއަމްގައި މީހުން ކުޅެންޖެހޭ ތަނުގެ ހާލަތު: މިތަން އޮތީ ގަލުން ފުރިފައި -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ފުރަތަމަ ޑިވިޝަންގެ ކްލަބްތައް ކަމަށްވާ، ކުލަބު ވެލެންސިއާ، ވިކްޓްރީ އަދި ވީބީ އަށް ވެސް ކުޅެފައިވާ މަމްދޫހު ބުނީ ސްޓޭޑިއަމްގައި ހުރި މައްސަލަތައް ބަޔާންކޮށް ޔޫތު މިނިސްޓްރީ އަށް ސިޓީވެސް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އެދެވިގެންވާ ހައްލެއް އަދި ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން ނުބުނަން އެތަން ޒަމާނީ ގޮތަކަށް ޓާފް އަޅާފައި އެތަން ހަދާށެކޭ. ގިނަ ޒުވާނުންތަކެއް ދޯ އެތަނަށް ކުޅެން މިދަނީ. އަހަރެމެން ޒުވާނުން މި ބުނަނީ އެތަނުގެ ފަސްގަނޑު އެއްވަރުކޮށްލައި އެތަނުގައި ހުރި ގާތަށް ނަގައި އަހަރެމެންނަށް އެތަނުގައި އަނިޔާނުވެ ރީއްޗަށް ކުޅެވޭނެ ގޮތް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކޮށްދޭށޭ،" މަމްދޫހު ބުންޏެވެ.
ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަސައްކަތާ ބެހޭ ގޮތުން 'ސަން' އާ ވާހަކަފުޅުދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ، ގިނަ ފަރާތްތަކަށް ހީވެފައި އޮންނަނީ ސްޓޭޑިއަމް އަކީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއް ކަމަށެވެ. އަދި ވިދާޅުވީ އެއީ ކުށް ހީއެއް ކަމަށާއި އޭރު ސްޓޭޑިއަމް އޮތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް)ގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް މިހާރު މިނިސްޓްރީގެ ބެލުމުގެ ދަށަށް ސްޓޭޑިއަމް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަސްލު އަޅުގަނޑުމެން މިހާރު ވާނީ އެތަން [ސްޓޭޑިއަމް] އަޅުގަނޑުމެންގެ [މިނިސްޓްރީގެ] ބެލުމުގެ ދަށަށް ގެނެސްފައި. ބެލުމުގެ ދަށަށް ގެންނަން ޖެހުނީ ވެސް އެފްއޭއެމް އިން އެތަނަށް އަޅާ ނުލައި އެތަން ތަރައްގީކުރަން ނޫޅޭތީވެ. ސްޓޭޑިއަމްގެ ބޮޑު ބައެއް އޮތީ އެފްއޭމް އަށް ދީފައި. ފަންސާސް އަހަރު ދުވަހަށް އެތަން އޮތީ އެފްއޭމް އަށް ދީފައި. މިހާ ދުވަސް ވެގެން ދިޔައިރު ވެސް އެއްވެސް މަސައްކަތްތަކެއް ކޮށްފައެއް ނުވޭ،" ޒުހައިރު ވިދާޅުވި އެވެ.
ސްޓޭޑިއަމް ތަރައްގީ ކުރުމާއި ގުޅޭ ގޮތުން ޔޫތު މިނިސްޓަރު ޒުހޫރު "ސަން" އަށް އިންޓަވިއު ދެއްވަނީ: ޒުހޫރު ވަނީ ސްޓޭޑިއަމް ތަރައްގީ ކުރަން ސަރުކާރުން ވިސްނަމުންދާ ގޮތް ހިއްސާ ކުރައްވާފައި -- ސަން ފޮޓޯ/ އަލީ ނަސީރު
ދެން އޮތީ ސްޓޭޑިއަމްގައި ކުރިން ހަދާފައި ހުރި ފާހާނާ ބަރިތަކުގެ ވާހަކަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ކުޅެންދާ ސްޓޭޑިއަމްގައި ފާހާނާއެއް ހުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ހިތާމައަކީ އެތަނުގައި ހުރި ފާހާނާ ބަރިއަކީ އެއްވެސް ބޭނުމެއް ހިފޭ ތަނަކަށް ނުވުމެވެ. ސްޓޭޑިއަމްގައި ހުރި ފާހާނާ ބަރިއަކީ ކުނި ގޮނޑެކެވެ. ދުވާ ވަހުން އެތަނުގެ ތެރެއަށް ބޯ ދިއްކޮށްލަން ނުކެރެ އެވެ.
ވިކްޓްރީ އަދި ވީބީ ސްޕޯޓްސް ކުލަބްގެ ގޯލު މީގެކުރިން ބަލައްހައްޓާފައިވާ މުހައްމަދު ފަސީހު ބުނީ، ސަރުކާރަށް ވެސް ހުރިހާ ޒުވާނުން ނުވަތަ ހުރިހާ ފަރާތްތައް ބޭނުންވާ ހުރިހާ ކަމެއް ކޮށް ނުދެވޭނެ ކަމަށެވެ. ނަމަވެސް މިހާރު ސްޓޭޑިއަމް އޮތް ހާލަތު ސަރުކާރުން ބެލުމަށް ފަހު އެތަނުގައި އަނިޔާވުން ކުޑަ ގޮތަކަށް ޒުވާނުންނަށް ފުޓުބޯޅަ ކުޅެވޭނެ ގޮތް ހަދައި ދިނުމަކީ އެދޭ ކަމެއް ކަމަށެވެ.

މާފަންނު ސްޓޭޑިއަމްގައި މީގެކުރިން ހަދާފައި ހުރި ފާހާނާ ބަރީގައި ހުރި ފާހާނާތައް މިހާރު ހުރި ހާލަތު: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"މިހާރު އެތަން އަދިވެސް އެ އޮތީ އަހަރެމެން އެންމެ ކުޑައިރު ވެސް ފެނުނު ގޮތަށް. ހަމައެކަނި ކުރެވުނު ކަމަކީ ދެ ޓާފު ދަނޑު އެޅުން. އެތަނުގައި ވެސް އަހަރެން މި ބުނަނީ އަހަރެމެންގެ އެކްސްޕީރިއަންސް. ޕްރެކްޓިސް ކޮށްކޮށް ތިއްބާ މީހުން އަނެއް ފަޅީގައި އެބަ ކުޅޭ. ގޮސް އެ މީހުން ގާތު އެހީމަ ބުނާނެ ތިމަންނަމެން މިއޮތީ މިވެނި ގަޑިއިރަކުން މިވެނި ގަޑިއަކަށް ނަގައިފައޭ. އެއްވެސް ހަމައެއް ލަމައެއް ނެތް،" ފަސީހު ބުންޏެވެ.
އަދުގެ ސަރުކާރަކީ، ޒުވާނުންގެ ސަރުކާރެއްކަމަށް ދައުވާކުރެ އެވެ. އެހެންކަމަށް ވަނީ ނަމަ އެންމެ ފުރަތަމަ ކަމަކަށް އަބަދުވެސް ޒުވާނުންގެ އަޑު ސަރުކާރުން އަހާނެތާ އެވެ. ހާއްސަކޮށް، އެ ކުޅިވަރަކާ ދިވެހީންގެ ލެޔާ ގުޅިފައިވާ "ފުޓްބޯޅަ" ކުޅެލަން ޒުވާނުން މިފަދަ ދަތިހާލުގައި އުޅޭ މަންޒަރު ބަލަން ސަރުކާރުން އޮވެދާނެބާއެވެ.
ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު، ޒުހޫރު ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު ނިންމާފައި ވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރުމަަށެވެ.
"މިހާރު ސްޓޭޑިއަމް އަކީ ސްޓޭޑިއަމެއްގެ ގޮތުގައި ޑިޒައިން ކުރުމަށް ސަރުކާރުން ނިންމާފައި އޮތް ތަނެއް. އެއްވެސް ހާލަތެއްގައި ތިބުނުއްވާހެން އެކި ތަންކޮޅު ކޮޅަށް މީހުން އަރައިގެން ވަގުތީ ދާއިމީ އަކަށް ނޫން. އެކަމަކު އެގޮތަށް ވަގުތީ ދާއިމީ ވެގެން މިދަނީ އެތަން. ސަރުކާރުގެ ޕްލޭނުތައް އޮވެގެން ރަނގަޅަށް ޑިޒައިން ކުރެވުނު ތަނެއް މިއަދު، އެތަން ވެގެން ގޮސްފައި މިވަނީ އެކި ކޯނަރުތަކުގައި އެކި ކަހަލަ ބޭފުޅުން އެކި ކުޅިވަރު ކުޅޭ ތަނަކަށް،" ޒުހައިރު ވިދާޅުވި އެވެ.
ސްޓޭޑިއަމް ސަރުކާރުން ތަރައްގީ ކުރާ ގޮތުގެ ކުރެހުން: ސަން ފޮޓޯ/ އަލީ ނަސީރު
ޒުހޫރު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ ސްޓޭޑިއަމް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކަމަށެވެ. އެތަނުގައި މިހާރު އޮތް ޓާފް ދެ ދަނޑުގެ އިތުރުން އިތުރު ދެ ޓާފް ދަނޑު ހެދުމަށް ވަނީ ނިންމާފަ އެވެ. އަދި އޭގެތެރެއިން ދެ ދަނޑަކީ އިންޓަނޭޝަނަލް މެޗުތައް ވެސް ކުޅެވޭ ގޮތަށް ހަދާ ދެ ދަނޑެވެ. އަދި އާއްމުންނަށް ފުޓުބޯޅަ ކުޅެވޭ ގޮތަށް ވެސް ދެ ޓާފް ދަނޑު ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅެވެ.
މާފަންނު ސްޓޭޑިއަމް މިހާރު އޮންނަ ގޮތުގެ ކުރެހުން: ސަން ފޮޓޯ/ އަލީ ނަސީރު
މާފަންނު ސްޓޭޑިއަމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހެދި ތަނެކެވެ. އޭގެފަހުން މިހާރު މިއީ ތިންވަނަ ސަރުކާރެވެ. އެއްވެސް ސަރުކާރަކުން އެތަނަށް އެއްވެސް ފަރުވާލެއް ބަހައްޓާފަ އެއް ނުވެ އެވެ. އެތަން ތަރައްގީ ކުރުމުގެ ވާހަކަ ވެސް ދައްކާފައެއް ނުވެ އެވެ. އެތަނަށް ކުޅެން ދަނީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހިއްސާ ކުރާ ޒުވާނުންނެވެ. ޒުވާނުން އެތަނުގައި ކުޅެން އުޅޭއިރު ލިބޭ އަނިޔާތައް ހަމަ ގައިމުވެސް ކަމާގުޅޭ ބަޔަކަށް އެނގެން އެބަޖެހެ އެވެ. އަދި އެކަމުގެ ހައްލު ވީ އެންމެ އަވަހަކަށް ހޯދައިދޭން އެބަ ޖެހެ އެވެ. ޒުވާނުން މިއަދު ވެސް ތިބީ، ސްޓޭޑިއަމްގެ ކަންކަމުގައި ކުރިން ބަޔަކު ވެފައި އެވާފަދަ އިހްމާލެއް ދެން އަލުން ނުވާނޭ ކަމުގެ އުންމީދުގަ އެވެ.