ހދ.ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ދަށް ކަމަށް ބުނެ އެރަށުގައި މިރޭވެސް މުޒާހަރާކޮށްފި އެވެ.

ސިޒޭރިއަން ހެދުމުގެ ތެރޭގައި ލޭމަނާ ނުވެ، ހާލު ދެރަވެގެން މާލެ ގެނައިފަހުން ނިޔާވި އާއިޝަތު ފަރިޔާލާ މެދު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކަން ހިނގި ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެ ހޮސްޕިޓަލުގެ ކައިރީ ގިނަ ބަޔަކު މިދިޔަ އާދީއްތަ ދުވަހުގެ ރޭވެސް ވަނީ މުޒާހަރާކޮށްފަ އެވެ.

ފަންސާހަކަށް މީހުން ބައިވެރިވި މިރޭގެ މުޒާހަރާގައި، މުޒާހަރާގެ ބައިވެރިން ވަނީ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ހަސަނާއި ޒިންމާދާރު ވެރިޔާގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.

އަދި ރަށު ކައުންސިލްގެ މެމްބަރުންނާއި ކުޅުދުއްފުށި ދާއިރާގެ މަޖިލިސް މެމްބަރުންގެ އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔަ ކަމަށް ކުޅުދުއްފުށީގައި ހިންގާ އޮންލައިން ނޫހެއް ކަަމަށްވާ “ކުޅުދުއްފުށި އޮންލައިން" އިން ބުންޏެވެ.

މިރޭ ގާތްގަނޑަކަށް 8:30 ހާއިރު ފެށި މުޒާހަރާ ނިންމާލަމުން މުޒާހަރާގެ ބައިވެރިން ވަނީ އެމީހުންގެ ޑިމާންޑް ތަކަށް އިޖާބަ ނުދީފިނަމަ، މާދަމާވެސް މުޒާހަރާ ކުރާނެ ކަމަށް ބުނެފަ އެވެ.

ފަރިޔާލު ނިޔާވުމާ ގުޅިގެން އެރަށުގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައިވާ އިރު، ފަރިޔާލުގެ އޮޕަރޭޝަންކުރި ޑޮކްޓަރު ރާއޯ އާއި އެ ހޮސްޕިޓަލުގެ މެނޭޖަރު ބަދަލުކޮށްދިނުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ މިނިސްޓްރީގައި އެދިފަ އެވެ.

އެ ރަށު ކައުންސިލުން ހެލްތު މިނިސްޓަރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އެ މަރާއި ވޭތުވެ ދިޔަ ހަތަރު މަސްތެރޭގައި ވިހެއުމާއި ގުޅިގެން ހިނގާފައި ހުރި ގިނަ މައްސަލަތަކެއްގައި ރައްޔިތުންގެ އިހްސާސްތައް "ހައްދުން ނެއްޓި" ފައިވާ ކަމަށެވެ.