އަތުގައި އޮންނަ ފޯނަކީ މިހާރު ދިރިއުޅުމަށް ނުހަނު ބޭނުންތެރި އެއްޗެކެވެ. މޮބައިލް ފޯނާ ނުލައި ދިރިއުޅެން ދަތިވެފައި ވާއިރު، ހަމަގައިމުވެސް ދިމާވާ އެންމެ ބޮޑު ދަތި ކަމަކީ ފޯނުގެ ބެޓެރި މާ އަވަހަށް ހުސްވުމެވެ. 100 ޕަސެންޓް ޗާޖު ހުރި ނަމަވެސް ނުފުދޭ ތަން މިއަދު މިވަނީ އައިސްފަ އެވެ.

ފޯނުގެ ބެޓެރީ އަވަހަށް ހުސްވަނީ ފޯނުގެ ވެރި ފަރާތުގެ ފަރުވާ ކުޑަ ކަމުން ކަމުގައި ބުނެވިދާނެ އެވެ. ސަބަބަކީ ގިނަ އިރު ބެޓެރީގެ ބާރު ދަމަހައްޓަން ބޭނުންނަމަ، ފޯނު ޗާޖު ކުރުމުގައި ބަލަންޖެހޭ ކަންކަމަށް ނުބެލޭތީ އެވެ.

ފޯނުގެ ބެޓެރިތައް ދިރާސާ ކުރުމަށްފަހު ހޯދުނު ހޯދުންތަކަށް ބަލައި ބެޓެރީ ޔުނިވާސިޓީ ވެބްސައިޓުން ވަނީ ބެޓެރި ޗާޖު ކުރުމުގައި ވިސްނާލަން ޖެހޭ ކަންކަން ފާހަގަ ކޮށްފަ އެވެ.

1. ބެޓެރި ފުލް ވުމުން އިތުރަށް ޗާޖަށް ޖަހާފައި ނުބޭއްވުން

ބެޓެރި އެއްކޮށް ފުލް ވުމުން ނުވަތަ 100 ޕަސެންޓް ޗާޖުވުމުން ވެސް ފޯނު ޗާޖަރުން ނައްޓާ ނުލައި ބޭއްވުމަކީ ގިނަ މީހުންގެ އާދައެކެވެ. ނަމަވެސް ގިނަ އިރު ބޭއްވުމަކުން ފޯނު 200 ޕަސެންޓް ޗާޖެއް ނުވާނެ އެވެ. ގިނަ އިރު ޗާޖު ކުރުމަކީ ފޯނުގެ ބެޓެރިއަށް ގެއްލުން ހުރި ކަމެކެވެ. ޗާޖަށް ޖަހާފައި އޮންނަ ވަގުތު އިތުރުވާ ވަރަަކަށް ބެޓެރި ހޫނުވެ، "ސްޓްރެސް" އިތުރުވާނެ އެވެ. އެހެންވުމުގެ ސަބަބުން ބެޓެރީގެ ބާރު ދަށްވެގެން ދާނެ އެވެ. ވީމާ، ފޯނު ޗާޖު ވާއިރަށް ފޯނު ޗާޖަރުން ނައްޓާލަން ހަނދާން ބަހައްޓާށެވެ.

2. 100% އަށް ޗާޖު ނުކުރުން ބުއްދިވެރި

ކޮންމެހެން ފޯނު ފުލްކޮށް ޗާޖު ކުރަން ނުޖެހޭ ނަމަ އެކަން ނުކުރާށެވެ. ސަބަބަކީ ފޯނުގެ ބެޓެރި އުފައްދާފައި ވަނީ ލިތިއަމް އަޔޮން ބޭނުންކޮށްގެން ކަމަށް ވާތީ އެވެ. ލިތިއަމް އަޔަން އަކީ އެއްކޮށް ޗާޖު ކުރުން ރަނގަޅު އެއްޗެއް ނޫނެވެ. ސަބަބަކީ ވޯލްޓޭޖް މަތި ވެއްޖެ ނަމަ ބެޓެރި ސްޓްރެސް ވާ މިންވަރު އިތުރުވާތީ އެވެ.

3. އެއް ފަހަރުން ޗާޖު ކުރުމަށް ވުރެ ދޭތެރެ ދޭތެރެ އިން ޗާޖު ކުރުން ރަނގަޅު

ގިނަ އިރު ޗާޖަށް ޖަހާފައި ބޭއްވުމަށް ވުރެ، ދޭތެރެ ދޭތެރޭން ބެޓެރި ޗާޖު ކުރުން ރަނގަޅު ކަމަށް ބެޓެރީ ޔުނިވާސިޓީ އިން ބުނެ އެވެ. ބެޓެރި އެކީގައި ހުސް ވަންދެން ޗާޖު ކުރުމުގެ ބަދަލުގައި، ކޮންމެ 10 ޕަސެންޓަކުން ޗާޖު މަދުވުމުން ބެޓެރި ޗާޖު ކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ބެޓެރީ ޔުނިވާސިޓީން ބުނެ އެވެ.

ނަމަވެސް އެއީ އެހާ ފަސޭހަ ކަމަކަށް ނުވުވުން، ދުވާލަކު އެކި ފަހަރު މަތިން ފޯނު ޗާޖަށް ޖަހާފައި ނައްޓާލުމަކީވެސް މައްސަލަ އެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.

މިފަދަ ކަންކަމަށް ސަމާލުކަން ދިނުމުން ފޯނުގެ ބެޓެރި ގިނަ އިރުތަކަކަށް ދެމިގެން ދިއުމުގެ އިތުުރުން، ބެޓެރި ހަލާކުވުމުންވެސް ދުރުކޮށްދެ އެވެ.

މައުލޫމާތު: ޓެކް އިންސައިޑަރ