12 Jan 2016, 21:09
އަލަށް ތައާރަފު ކުރާ ޕާސްޕޯޓު ތައްޔާރު ކޮށްފައިވަނީ ދައުލަތުގެ ނިޝާން ޕާސްޕޯޓުގެ ބަނޑޭރި ގަނޑުގައި ނުހިމަނައި ކަމަށް ދެކެވޭ ވާހަކަތައް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ދޮގުކޮށްފިއެވެ.
އަލަށް ތައާރަފު ކުރާ ޕާސްޕޯޓު ތައްޔާރު ކޮށްފައިވަނީ ދައުލަތުގެ ނިޝާން ޕާސްޕޯޓުގެ ބަނޑޭރި ގަނޑުގައި ނުހިމަނައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރަމުންދަނީ އިމިގްރޭޝަންގެ ކޮންޓްރޯލަރާއި، އިސްވެރިން އަދި ގިނަ މުވައްޒަފުން ތަކެއްގެ ފޭސްބްކާއި ޓުވިޓާ އަދި އެހެނިހެން ސޯޝަލް މީޑިއާގެ ޕްރޮފައިލް ފޮޓޯގެ ގޮތުގައި ނޫކުލައިގެ ބެކް ގްރައުންޑެއްގައި ވަށްބުރެއްގެ ތެރޭގައި ބައްތެއްޔެއް ޖަހާފައިވާ ކުރެހުމެއް ބޭނުން ކުރަމުން ދިޔުމާ ގުޅިގެންނެވެ.

މި ކަމާ ގުޅިގެން ސަން އިން ދެންންނެވި ސުވާލެއްގެ ޖަވާނުގައި އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލަށް ގުޅާލުމުން ވިދާޅުވީ ބައެއް މީޑިއާތަކުގައި ފަތުރާފައި ވަނީ ހަގީގަތާ ޚިލާފު މައުލޫމާތުތަކެއް ކަމަށެވެ.
"އިމިގްރޭޝަނުން ކުރާ ކަމެއް އެ ފަދަ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ނުކުރާނެ. ޚާއްޞަކޮށް ޕާސްޕޯޓު ފަދަ ދައުލަތުގެ މުހިއްމު ލިޔެކިއުމެއް ތައްޔާރު ކުރުމުގައި އެ ފަދަ ގޮތަކަށް އަމަލު ނުކުރާނެ،" ޚަލީލު ވިދާޅުވިއެވެ.
ދައުލަތުގެ ނިޝާނަކީ ދައުލަތް ރަމްޒު ކޮށްދޭ ނިޝާނެއް ކަމުން މިފަދަ ލިޔެކިއުމެއް ދުރުން ފެންނައިރު ވެސް އެއީ ކޮންގައުމެއްގެ ޕާސްޕޯޓެއްކަން އަންގައި ދިނުމީ މުހިއްމު ކަމެއް ކަމުގައި ވުމުން ދުނިޔޭގެ ހުރިހާ ޤައިމެއްގެ ޕާސްޕޯޓުގައި ވެސް ހުންނަނީ އެ ގައުމެއްގެ ކޯޓް އޮފް އާމްސް ނުވަތަ ދައުލަތުގެ ނިޝާނެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު އަދި އެންމެހާ މުވައްޒަފުން ޝޯޝަލް މީޑިއާގެ ޕްރޮފައިލް ޕިކްޗާގެ ގޮތުގައި ބޭނުންކުރާ ފޮޓޯއާ އަލަށް ތައާރަފު ކުރާ ޕާސްޕޯޓާ އޮތީ ކޮން ގުޅުމެއްތޯ ސުވާލުކުރުމުން، ޚަލީލު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މި ވަގުތު ވަކި އެއްޗެއް ދަންނަވަން ބޭނުންނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވަގުތު ޖެހުމުން އޭގެ ބޭނުން ވެސް އެގިގެން ދާނެ ކަމަށެވެ.
ޕާސްޕޯޓުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން މި ފަހަރު ތައާރަފު ކުރާ ޕާސްޕޯޓުގެ ޑާޓާ ޕޭޖް ތައްޔާރު ކޮށްފައި ވަނީ ޕޮލިކާބަން ބޭނުން ކޮށްގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޕޮލިކާރބަން ޑާޓާ ޕޭޖަކީ ފޯޖުކުރިޔަ ނުދިނުމުގެ ގޮތުން ޕާސްޕޯޓު ފަދަ މުހިއްމު ލިޔެކުއުމުގައި ބޭނުންކުރާ ބާވަތެއްގެ މެޓީރިއަލެކެވެ. އެ މެޓީރިއަލް ބޭނުންކޮށްގެން ތައްޔާރުކުރާ ޕާސްޕޯޓުގެ ޑާޓާޕޭޖުގައި ތަފާތު ލޭޔާތަކެއް އެކުލެވިފައިވެއެވެ. ޑޭޓާޕޭޖުގައި ހިމެނޭ ލޭޒާ އެންގްރޭވްޑް ޑާޓާ އަދި މި ނޫނަސް ސެކިއުރިޓީ ފީޗާސްތައް ހުންނާނީ އެތަކެއްޗަށް ބަދަލު ނުގެނެވޭނެހެން ރައްކާތެރި ކުރެވިފައެވެ.
ޕާސްޕޯޓުގައިވާ ސެކިއުރިޓީ ފީޗާސްތައް ހުންނާނީ ތަފާތު ލޭޔަރުތަކުގައެވެ. މި ތަކެތި ރައްކާތެރި ކުރުމުގެ ގޮތުން އެއިގާވާ ތަފާތު ލޭޗަރުތައް ހުންނާނީ ހޫނުކޮށްގެން އަދި ޕްރެޝަރގައި ފިއްތާލައިގެން ތަފާތު ލޭޔަރުތައް އެއްކޮށްލެވި އެކަތި ގަނޑެއްގެ ގޮތުގައި ހަދާފައެވެ.
މި ފަދައިން އެއްކޮށްލުމަށްފަހު ލޭޔަރުތައް ވަކިކުރުމަކީ އުދަގޫކަމެކެވެ. އެހެންކަމުން ޕާސްޕޯޓުގައިވާ ފޮޓޯ އާއި ހޮލޯގްރާމާ ލިއެކިއުން އަދި ސެކިއުރިޓީ ފީޗަރސްތަކާ ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
އެހެންކަމުން ޕޮލިކާބަން އަކީ މިހާރު ބޭނުންކުރާ މެޓީރިއަލްގެ ތެރެއިން އެންމެ ރައްކާތެރި މެޓީރިއަލް ކަމުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޕާސްޕޯޓާ އަދި ޑްރައިވިން ލައިސަންސް އަދި އައިޑީ ކާޑް ފަދަ ތަކެތި ތައްޔާރު ކުރުމުގައި ބޭނުންކުރަނީ ޕޮލިކާބަން އެވެ. ދިވެހި ޕާސްޕޯޓުގެ ޑާޓާ ޕޭޖު ޕޮލިކާބަން އިން ތައްޔާރު ކުރެވުމަކީ ދިވެހި ޕާސްޓަށް ބޭރުގެ ގައުމު ތަކުން ކުރާ އިތުރުބާރު މިހާރަށްވުރެ އިތުރު ވެގެން ދާނެ ސަބަބަކެވެ.