ގދ. މަޑަވެލީގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ތިން ފިރިހެނަކު އެ ރަަށުން ރޭ ހައްޔަރުކޮށްފި އެވެ.

މަޑަވެލީ ވަލުތެރޭގައި ރޭ އިރާކޮޅު އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ "ސަން"އަށް ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސްޓޭޝަން އިންސްޕެކްޓާ އިސްމާއިލް އަލީ "ސަން"އަށް މިރޭ ވިދާޅުވީ ފުރާވަރު ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި އެ ރަށުން ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.

ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން މިއަދު ވަނީ ޖަހާފަ އެވެ. އެ ތިން މީހުން މިހާރު ބަންދުކޮށްފައި ތިބީ ތިނަދޫގައި ޕޮލިސް ސްޓޭޝަނުގަ އެވެ.

އެ މައްސަލާގައި ތިން މީހުން ހައްޔަރު ކުރީ ޖެންޑާ މިނިސްޓްރީން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މަޑަވެލީ ކައުންސިލްގެ މެމްބަރަކު "ސަން"އަށް މިރޭ ވިދާޅުވީ ތިން ފިރިހެނުންގެ ޖިންސީ ޝިކާރައަކަށްވި އަންހެން ކުއްޖާ، އެ މީހުންގެ ކިބައިން ސަލާމަތްވެގެން ވަލުތެރެއިން ނުކުމެގެން އައީ ބަރަހަނާ ހާލުގައި ކަމަށެވެ. ބަރަހަނާ ހާލުގައި އެ ކުއްޖާ ސަލާމަތްވެގެން ގެއަށް އައުމުން، އޭނާ ދިރިއުޅޭ ގޭގެ ދޮރާށި ކައިރީގައި އެ ކުއްޖާގެ ހެދުންތައް ރޭ ބަޔަކު ބެހެއްޓި ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި އަންހެން ކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން ކުއްޖާވެސް ހިމެނެ އެވެ.