12 Jan 2016, 20:31
މިދިޔަ ސީޒަންގައި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި މިޑްފީލްޑަރު އަހްމަދު މުޙައްމަދު (އަންމަޑޭ) މިއަހަރު ސީޒަންގައިވެސް ވިކްޓްރީއަށް ކުޅުމަށް އެޓީމުގެ ކޮންޓްރެކްޓް އާ ކޮށްފިއެވެ.
ސަންއާ ވާހަކަ ދައްކުމުން ނިއުރޭޑިއަންޓްގެ ކެޕްޓަން ކަންވެސް ކުރިން ކުރި އަންމަޑޭ ބުނީ މިއަހަރުގެ ސީޒަންގައިވެސް ވިކްޓްރީގައި ކުޅެން އޭނާ ނިންމީ އެޓީމުގެ ހުށަހެޅުން ރަނގަޅުވުމުން ކަމަށެވެ.
އަންމަޑޭ ބުނީ ފުރަތަމަ ޑިވިޝަންގެ ބޮޑު އެހެން ކުލަބަކުންވެސް އޭނާއާ ވަހަކަ ދެއްކި ކަމަށާއި ނަމަވެސް ވިކްޓްރީގައި މަޑުކުރަން ނިންމީ ވިކްޓްރީއިން ހުށަހެޅި ހުށަހެޅުމުގެ އިތުރަށް މިދިޔަ ސީޒަންގައި އެޓިމުގެ މެނޭޖުމެންޓުން ކަންތައްކޮށްދީފައިވާ ގޮތް ރަނގަޅުވުމުން ކަމަށެވެ.
"އެހެން ކުލަބަކުންވެސް ހުށަހެޅުމެއް އައި. ނަމަވެސް ވިކްޓްރީގެ ހުށަހެޅުން ރަނގަޅުވީމަ ޓިމުގައި މަޑުކަރަން ނިންމީ. ކޮންމެ މަހަކުވެސް މުސާރަ ދޭން ބުނެފައި އޮންނަ ދުވަހު ބަރާބަރަށް މުސާރަ ދޭ. އެހެންވެ ހުރިހާ ގޮތަކަށް ބަލާފައި ވިކްޓްރީގައި މަޑުރަން ނިންމީ" އަންމަޑޭ ބުންޏެވެ.
މިދިޔަ ސީޒަންގައި އަންމަޑޭ ފުރަތަމަ ފެނިފައިވަނީ އީގަލްސްއިންނެވެ. އޭނާ ވިކްޓްރީއާ ގުޅުނީ ސީޒަންގެ ޓްރާންސްފާ ޕީރިއަޑްގައެވެ. އެއިރު ސަންއަށް ދިން އިންޓަވިއުގައި އަންމަޑޭ ބުނީ ވިކްޓްރީއާ ގުޅުނީ ފުރަތަމަ އެގާރައިގައި ކުޅެން ބޭނުންވާތީ ކަމަށެވެ. ދެހާސް ފަސް ވަނަ އަހަރު އޭއެފްސީ ކަޕް ސެމީ ފައިނަލަށް ނިއު ދަތުރު ކުރިއިރު އަންމަޑޭ ވަނީ އެޓީމުގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.