12 Jan 2016, 20:14
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ރަށްތަކާއި ފަޅުތަށް ކުއްޔަށް ދޫކުރި މީހުންގެ އަތުން ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލުކޮށްފިއެވެ.
އަދީބާ ސުވާލުކުރުން އޮތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދޫނިދޫގައެވެ. ސުވާލުކޮށްފައި ވަނީ އަދީބުގެ ގާނޫނީ ވަކީލުގެ ހާޒިރުގައެވެ.
ރިސޯޓު ތަރައްގީކުރަން ހަވާލުކުރި މީހުންގެ އަތުން ރިޝްވަތު ނެގި ކަމަށް ތުހުމަތުކޮށްފައިވާއިރު، އެމީހުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ވެސް އޭސީސީގެ ތަހުގީގު ޓީމުން އަދީބާ ސުވާލުކުރިއެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި އަދީބު ވިދާޅުވެފައި ވަނީ އެމީހުންނަށް އޭނާ ރިޝްވަތު ހުށަހަޅާފައިވެސް ނުވާނެ ކަމަށާއި އަދި އެމީހުންގެ އަތުން ރިޝްވަތުގެ ފައިސާ ނަގާފައިވެސް ނުވާނެ ކަމަށެވެ.
ރިޝްވަތުގެ މައްސަލައިގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ބަޔަކާ ހަވާލުކުރި ކަމުގެ ތުހުމަތުގައި ވެސް އަދީބާ ސުވާލުތަކެއް ވަނީ ކޮށްފައެވެ.
އެ ހުރިހާ ސުވާލުތަކަށް އަދީބު ދެއްވި ޖަވާބާއެކު އަދީބުގެ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައި ބަޔާނެއް ވަނީ ނަގާފައެވެ.
އަދީބު ފުލުހުންނަށް ރިޝްވަތު ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގު ނިންމައި ފުލުހުން ވަނީ ދައުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގު ނިންމައި ދައުވާ ކުރުމަށް މިހާރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އޭސީސީގެ ތަހުގީގު ނިމުމުން ނޫނީ އެ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު ގޮތެއް ނުނިންމާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.