ލ. ގަނ ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާގެ ޕޯސްޓު މޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި އެވެ.

ފުލުހުން ބުނީ މިރޭގެ ވަގުތެއްގައި ޒުހާގެ ހަށިގަނޑު ފުރުވާލާފައިވަނީ އައިލެންޑް އޭވިއޭޝަންގެ ފްލައިޓެއްގައި ކަމަށެވެ.

ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިޔާއަށް ފޮނުވާލާފައިވަނީ އެކަމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވުމަށްފަހު ކަމަށާއި މާދަމާގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެ އެވެ.

އަދި ޕޯސްޓްމޯޓަމްގެ ކަންކަން ނިމުމާއެކު ވީއެންމެ އަވަހަކަށް އެ ހަށިގަނޑު ރާއްޖެ ގެނެސް އާއިލާއާއެކު މަސައްކަތްކޮށް ފަސްދާނުލުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ޒުހާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި މިމަހުގެ ނުވަ ވަނަ ދުވަހު ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި އަންހެނެކެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ގަލޮޅު ދޫހިމެރި މަގު ގޯޅިއެއްގެ ތެރޭގައި ވެއްޓިފައިއޮއްވައި ފުލުހުންގެ ބެލުމުގެ ދަށުން ޒުހާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ފުލުހުން ބުންޏެވެ.