ވިހާ ވަގުތު މަރުވުން " ސްޓިލް ބާތު" އެންމެ ގިނައީ ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައި ކަމަށާއި އެގޮތަށް އަހަރަކު 2.6 މިލިޔަން ކުދިން މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗްއޯ އިން ހާމަކޮށްފި އެވެ.

ބުރާސްފަތި ދުވަހު ޑަބްލިއު އެޗްއޯ އިން އާއްމު ކުރި ބަޔާނެއްގައި ވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހަކު ވިހާ ކުދިންގެ ތެރެއިން 7200 ކުދިން އެ ކުދިންނަށް މަރުހަބާ ކިއުމަށް ތައްޔާރުވާ ވަގުތު މަރުވާ ކަމަށެވެ. އަދި އޭގެ ތެރެއިން 98 އިންސައްތަ ކުދިންނަކީ މެދު މިންވަރެއްގެ އާމްދަނީ ލިބޭ ގައުމުތަކާއި މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ކުދިން ކަމަށް ވެސް ލޭންސެޓް ޖާނަލް އާއި ހަވާލާދީ ޑަބްލިއު އެޗްއޯ ބުނެ އެވެ.

ދުނިޔެ އަށް އުފަންވާ ވަގުތު މަރުވާ ރޭޓް 1995 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދަށް ކުރެވިފައި ވަނީ އެންމެ 1.1 އިންސައްތަ އެވެ. އެގޮތުން 1995 ވަނަ އަހަރު އެގޮތަށް ކުދިން މަރުވި އަދަދަކީ ތިން މިލިޔަނެވެ. މިއީ ތުއްތު އުމުރުގައި ކުދިން މަރުވާ ރޭޓް ދަށް ކުރެވުނު މިންވަރަށް ވުރެވެސް މާ ކުޑަ މިންވަރެއް ކަމަށް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ބުނެ އެވެ.

ދުނިޔެއަށް އުފަން ވާވަގުތު ކުދިން މަރުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވިހެއުމުގެ ތެރޭގައި ކުރިމަތިވާ މައްސަލަތަކާއި ބަލިވެ އިންނަ ދުވަސްވަރު އުފެދޭ އިންފެކްޝަން ތައް ހިމެނެ އެވެ. އަދި ބަލިވެއިންނަ ދުވަސްވަރު މައިމީހާގެ ލޭގެ ޕްރެޝަރު އާދަޔާ ހިލާފަށް މައްޗަށް ދިއުމާއި ހަކުރު ބަލި ފަދަ ކަންތައްތައް ހިމެނެ އެވެ.
ދުނިޔެއަށް އުފަންވާ އިރު މަރުވާ ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިން މަރުވަނީ ވިހެއުމުގެ ތެރޭގަ އެވެ.
ޑަބްލިއު އެޗް އޯ ބުނާ ގޮތުގައި މިކަމުގެ ސަބަބަކީ ވިހާ ވަގުތު މައިމީހާއަށް އެހީތެރި ވުމަށް އެކަމުގެ ހުނަރު ހުރި މީހުން ނުތިބުމެވެ.

ވިހާވަގުތު މަރުވާ ކުދިންގެ ތެރެއިން ދެބައިކުޅަ ތިންބައި ކުދިން މަރުވެފައި ވަނީ ފޫޅުމައިންނާއި އެނޫން ވެސް މީހުން ވިއްސުމުގެ ކަންތައްތައް ބަލަހައްޓާ ސިއްހީ މީހުން ލިބެން ނެތް ރަށްފުށު ހިސާބުތަކުގަ އެވެ.
ޑަބްލިއު އެޗްއޯ ބުނާ ގޮތުގައި ދުނިޔެއަށް އުފަންވާ ވަގުތު މަންމައަށާއި ދަރިފުޅަށް ލިބެންވާ ފުރިހަމަ އެހީތެރިކަން ނުލިބުމުގެ ސަބަބުން މިހާ ގިނަ ކުދިން ކޮންމެ އަހަރަކު މަރުވާ އިރު ވެސް ދުނިޔޭގެ ގިނަ ގައުމުތަކުގެ ސާސްކަފުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ވެސް މިކަމެއް ހިމަނާފައެއް ނުވެ އެވެ.