ބައެއް އަންހެނުން އިސްތަށިގަނޑު ފަން ކުރުމަށް ކޮށްފަ ނުކުރަނީ ކީއްހެއްޔެވެ؟ ބޮޑު އަގު ދީފައި ސެލޫންތަކަށް ދިއުމާއި ތަފާތު ވައްތަރުތަކުގެ ބޭހާއި ކްރީމުން އިސްތަށިގަނޑު ފަން ކުރާ މީހުން ދުނިޔޭގައި މަދެއް ނޫނެވެ.

އެއް ބަޔަކު އިސްތިރިން އިސްތަށިގަނޑު ފަން ކުރާއިރު އަނެއް ބަޔަކު އިސްތަށިގަނޑު ފަން ކުރަނީ އެކަމަށް ހާއްސަ ކަރަންޓް އާލާތްތައް ބޭނުންކޮށްގެންނެވެ.

ތެދެކެވެ. އިސްތަށިގަނޑު ފަން ކުރުމުން ވަރަށް ރީއްޗެވެ. ގެންގުޅެން ވެސް އެހާމެ ފަސޭހަ އެވެ. އެހެންނަމަވެސް އެފަދަ ގޮތް ގޮތަށް އިސްތަށިގަނޑު ފަން ކުރުމުން ތިބާގެ އިސްތަށިގަނޑުގެ ސިއްހަތާއި ދުޅަހެޔޮކަމާމެދު ސުވާލު ނު އުފެދޭ ހެއްޔެވެ؟

ޔަގީނެވެ. ބާރުގަދަ ކެމިކަލްތަކާއި ހޫނު ގަދަ އަލިފާން ބޭނުންކޮށްގެން އިސްތަށިގަނޑު ފަން ކުރުމުން އޭގެ ތާޒާކަމާއި ގުދުރަތީ ރީތިކަން ގެއްލޭނެ އެވެ. ބަލާލަން ހިތްގައިމަކަސް އެއީ ގުދުރަތީ ރީތި ކަމެއް ނޫނެވެ.

ބާރު ގަދަ ކެމިކަލާއި ހޫނު ގަދަ އަލިފާނުން ތިބާގެ އިސްތަށިގަނޑު ފަން ކުރުމުގެ ބަދަލުގައި ގެއިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ވެސް އިސްތަށިގަނޑު ފަން ކުރެވިދާނެ އެވެ.

ތެޔޮ ---

އެގޮތުން ތެލަކީ އެފަދަ އެއްޗެކެވެ. ކާށި ތެލާއި އޮލިވް ތެޔޮ، ސީސެމް ތެލާއި އާމަންޑު ތެޔޮ ފަދަ ތެޔޮ އިސްތަށިގަނޑު ފަން ކުރުމަށް ބޭނުން ކުރެވިދާނެ އެވެ.

އެގޮތުން ތެޔޮ ކޮޅެއް 20 ވަރަކަށް ސިކުންތު ވަންދެން ހޫނު ކޮށްލާށެވެ. އެއަށް ފަހު ހިހޫ ކުރުމަށް އިރުކޮޅަކު ބަހައްޓާށެވެ.

ތެޔޮ ކޮޅު ބޭނުން ކުރެވޭ ވަރަށް ހިހޫ ވުމުން (ހޫނުކަން އެެއްކޮށް ނު ކެނޑެނީސް) އޭގެއިން ބޯ މަސާޖު ކުރާށެވެ. އެގޮތަށް 15 މިނިޓު ވަންދެން އެ ތެޔޮ ބޭނުންކޮށްގެން ބޯ މަސާޖު ކުރާށެވެ. މަސާޖު ކުރާއިރު ފުނަލެއް ބެނުންކޮށްގެން ނަމަވެސް ބޮލުގެ ހުރިހާ ބަޔަކަށް ތެލުގެ އަސަރު ކުރުވާށެވެ.

ފަނަރަ މިނެޓުގެ މަސާޖަށް ފަހު ކުޑަ ކޮށް ތެތް (ހޫނުފެނުން ތެތްކޮށްފައިވާ) ތުވާއްޔަކުން 30 މިނެޓު ވަންދެން އިސްތަށިގަނޑު ކަވާ ކުރާށެވެ.

އެއަށް ފަހު ޝޭމްޕޫ ބޭނުންކޮށްގެން އިސްތަށިގަނޑު ދޮވެލާށެވެ. މި ޓުރީޓުމެންޓު އާދަކޮށް ބޭނުން ކުރާ ނަމަ އިސްތަށިގަނޑު އޮމާންވެ ފަން ވާނެ އެވެ.

ކާށި ކިރާއި ލުނބޯ ހުތް ބޭނުންކޮށްގެން ވެސް އިސްތަށިގަނޑު ފަން ކުރެވިދާނެ އެވެ.

ކާށި ކިރާއި ލުނބޯ ހުތް ---

އެގޮތުން އެއް ޖޯޑު ކާށި ކިރާއި ލުނބޮއެއްގެ ހުތް އެއްކޮށްލާށެވެ. އަދި ދެ ގަޑި އިރު ވަންދެން ފުރިޖުގައި ބަހައްޓާށެވެ.

ދެ ގަޑި އިރު ވުމުން އެ ނަގައި އިސްތަށިގަނޑުގައި ހާކާލާށެވެ. އަދި ވިއްސަކަށް މިނިޓް ވަންދެން ބަހައްޓާށެވެ. ބޭނުމިއްޔާ ޝަވާ ކެޕެއް ފަދަ އެއްޗަކުން އިސްތަށިގަނޑު ކަވާ ކުރެވިދާނެ އެވެ. އަދި ބައި ގަޑިއެއްހާ އިރު ބެހެއްޓިދާނެ އެވެ.

ބައިގަޑި އިރު ވުމުން ޝޭމްޕޫ ބޭނުންކޮށްގެން އިސްތަށިގަނޑު ދޮވެލާށެވެ. މި ޓުރީޓުމެންޓް ވެސް އާދަކޮށް ބޭނުން ކުރާށެވެ. އިސްތަށިގަނޑު އޮމާންވެ ފަންވާނެ އެވެ.

އެހެންނަމަވެސް އަބަދުވެސް ހަނދާން ބަހައްޓާށެވެ. އިސްތަށިގަނޑަށް އެ ދެ ޓުރީޓުމަންޓުދޭ އިރު، ދަތް ބޮޑު ފުނަލަކުން ފުނާ އަލާށެވެ. އަދި އިސްތަށިގަނޑު ދޮވެ ނިމުމުން ޑުރައިއާ ބޭނުންކޮށްގެން އިސްތަށިގަނޑު ނު ހިއްކާށެވެ.