ޓޮޓެންހަމްއަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ޒުވާން މިޑްފިލްޑަރު ޑެލޭ އެލާއި އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އިތުރުކޮށް ފަސް އަހަރު އެ ޓީމްގައި މަޑުކުރުމަށް އެއްބަސްވެއްޖެ އެވެ.

އިންގްލެންޑްގެ 17، 18 އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ އުމުރުން 19 އަހަރުގެ އެލާއި ހޯދުމަށް ޗެލްސީއާއި ވާދަވެރި އެހެން ކުލަބުތަކުން ވެސް މަސަތްކަތް ކުރަމުން އަންނަ އިރު ޓޮޓެންހަމާ އެކު އޭނާ ކުރިން ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް އިއްޔެ އޭނާ ވަނީ އެ އެއްބަސްވުން އިތުރު ކޮށްފަ އެވެ.

މި ސީޒަނުގައި ޓޮޓެންހަމްގައި ކުޅުނު 25 މެޗުގައި ފަސް ގޯލް ކާމިޔާބުކޮށްފައިވާ އެލާއީ އެ ކްލަބުގައި މަޑުކުރުމަށް އެއްބަސްވި ނަމަވެސް އެ ކްލަބުން އަދި ވެސް އަންނަނީ އިތުރު ކުޅުންތެރިންނަށް ފާރަލަމުންނެވެ.

ލީގްގައި މިހާތަނަށް ކުޅުނު 20 މެޗުން 36 ޕޮއިންޓް ލިބިގެން ތާވަލުގެ ހަތަރު ވަނައިގައި ޓޮޓެންހަމް އޮތް އިރު އެ ޓީމަށް ދެން އެންމެ އަވަހަށް މެޗެއް އޮންނާނީ 14 ވަނަ ދުވަހު، ތާވަލުގެ ދެވަނައިގައި އޮތް ލެސްޓާ ސިޓީއާ ދެކޮޅަށެވެ.