ޗައިނާގެ ފަތުރުވެރިއެއް ކަމަށްވާ ޖިން ޖިންގް، ތައިލެންޑުގެ ޕުކެޓަށް ދިޔައީ އުފާވެރިކަމާ އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. އެގޮތުން ޕުކެޓްގައި ފަތުރުވެރީންގެ މެދުގައި މަގުބޫލު ތަންތަނަށް ޒިޔާރަތްކުރަމުން ޖެނުއަރީ 9 ވަނަ ދުވަހު، ޕުކެޓް ޒޫ ކައިރީ އޮންނަ އެނިމަލް ޕާކަކަށް ޖިން ޒިޔާރާތްކުރި އެވެ. އެހެނަސް އުންމީދުކުރި ގޮތާ ޚިލާފަށް ޖިންއަށް އެ ޒިޔާރަތް ވެގެންދިޔައީ ހައިރާންކުރަނިވި، ބިރުވެރި ތަޖްރިބާއަކަށެވެ.

ޖިންގެ ނޭފަތުގައި ޕައިތަން ދަތްއެޅިތަން ފަހާފައި -- ފޮޓޯ: ޕުކެޓް ނިއުސް

އެނިމަލް ޕާކަށް ޖިން ކުރި ޒިޔާރަތުގެ ވީޑިއޯ ކްލިޕެއް ވަނީ، ސޯޝަލް މީޑިއާގައި ވަރަށް ހަލުއިކަމާ އެކު ދައުރުވާން ފަށައިފަ އެވެ. އެ ވީޑިއޯގައި ފެންނަނީ، އެ ޕާކުގައި ސްނޭކް ޝޯއެއް ކުރިއަށް ދިޔަ މަންޒަރެވެ. ޝޯ ހުށަހަޅަން ތިބި މީހުންގެ ގާތަށް އެވަގުތު ޖިން ކައިރިވެލަ އެވެ. އަދި އެމީހުންގެ އަތުގައި އޮތް ބޮޑު ޕައިތަންއާ މޫނުކަރިކޮށްލި ވަގުތު، ކުއްލިއަކަށް އެ ޕައިތަން ޖިންގެ ނޭފަތުގައި ދަތްއަޅަނީ އެވެ. އެއާ އެކު އެންމެންތައް ބިރުން ހަޅޭއްލަވަން ފަށަ އެވެ.

ޕުކެޓް ނިއުސް ބުނާގޮތުން، އުމުރުން 29 އަހަރުގެ ޖިންގެ ނޭފަތުގައި ޕައިތަން ދަތްއެޅިތާ މާ ގިނައިރެއްނުވެ، އޭނާ އަށް ވަނީ، ޕުކެޓް އިންޓަނޭޝަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ. އަދި އޭނާގެ ނަސީބު ރަނގަޅުކަމުން، އެ ޕައިތަންއަކީ ވިހަނޫން އެއްޗެކެވެ. އެހެންކަމުން ޖިންގެ ނޭފަތުގައި ޕައިތަން ދަތްއެޅުމުގެ ސަބަބުން ކަނޑައިގެން ދިއުންފިޔަވައި އިތުރު ގެއްލުމެއް އޭނާއަކަށް ނުލިބެ އެވެ.

ޕުކެޓް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްނޭކް ޝޯ ބާއްވާ ތައި ކޮމްޕެނީން މިހާރު ވަނީ، އެ ހާދިސާގައި ޖިންއަށް ލިބުނު އަނިޔާގެ ބަދަލުގެ ގޮތުގައި އޭނާއަށް 3300 ޑޮލަރު ވެސް ދީފަ އެވެ.