މިދިޔަ ހަފްތާގައި އިންޑިއާގެ މުމްބާއީގައި ސެލްފީއެއް ނަގަން އުޅުނު 18 އަހަރުގެ އަންހެން ކުއްޖަކު މޫދަށް ވެއްޓި ގެނބިގެން މަރުވި ހާދިސާއާ އެކު، އިންޑިއާގެ މުމްބާއީގެ 15 ސަރަހައްދެއްގައި ސެލްފީ ނެގުން މަނާކޮށްފި އެވެ.

ސެލްފީ ނެގުން މަނާ ކުރި 15 ސަރަހައްދު ތެރޭގައި، މުމްބާއީގެ މަޝްހޫރު ސަރަހައްދެއް ކަމުގައިވާ މެރިން ޑްރައިވް ޕްރޮމިނޭޑާއި މަޝްހޫރު ބީޗެއް ކަމުގައިވާ ޗައުޕަޓީ ބީޗް ވެސް ހިމެނެ އެވެ.

މީގެ އިތުރުން، ސެލްފީ ނަގަން އުޅެނިކޮށް މިދިޔަ ހަފްތާގައި އަންހެން ކުއްޖަކު މޫދަށް ވެއްޓުނު ސަރަހައްދު ކަމުގައިވާ ބަންޑްރާ ބޭންޑްސްޓޭންޑް ބީޗާއި، ސަޔަން ހިލޮކް ފޯޓްއާއި ވޯލީ ފޯޓް ފަދަ ސަރަހައްދުތަކުގައި ވެސް ސެލްފީ ނެގުން މަނާ ކަމަށް މުމްބާއީގެ ފުލުހުން ވަނީ ކަނޑަ އަޅައިފަ އެވެ.

މުމްބާއީގެ ފުލުހުންގެ ތަރުޖަމާނަކު ބީބީސީ އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ސެލްފީ ނެގުން މަނާ ކުރެވިފައިވާ ސަރަހައްދުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފުލުހުން، މުމްބާއީގެ މުނިސިޕަލިޓީއާ މަޝްވަރާ ކުރާނެ ކަމަށާއި އެފަދަ ސަރަހައްދުތަކުގައި ލައިފް ގާޑުން ބެއިތިއްބުމާއި އިންޒާރުގެ ބޯޑުތައް މުނިސިޕަލިޓީ އިން ބަހައްޓާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ބަންޑްރާ ބޭންޑް ސްޓޭންޑް ބީޗުގައި ޒުވާން ތިން އަންހެން ކުދިން ސެލްފީ ނެގުމަށް މަސައްކަތް ކުރަނިކޮށް ކައްސާލައިގެން މޫދަށް ވެއްޓުނު އިރު، އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ ގެނބިގެން މަރުވެފަ އެވެ. އަނެއް ދެ ކުދިން ސަލާމަތްވީ، އެސަރަހައްދުގައި ހުރި ޒުވާން ފިރިހެނަކު މޫދަށް ފުންމާލައި، އެކުދިން ސަލާމަތް ކުރުމުންނެވެ.