12 Jan 2016, 15:29
މާދަމާ ސްކޫލުތައް ހުޅުވޭ އިރު ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް މިހާރު ފޯރުކޮށްދެވިފައިވާ ކަމަށާއި ފޮތްތަކުގެ ޖުމްލަ ހަރަދަށް 40 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ސްކޫލުތަކުގެ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ޕީއެސްއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ އައިޝަތު ޝިހާމް ވިދާޅުވީ މިއަހަރު އަލަށް ކިޔަވައިދޭން ފަށާ އާ މަންހަޖުގެ ފޮތްތަކުގެ މަސައްކަތް ނިމި މުޅި ރާއްޖެ އަށް 500 ޓަނުގެ ބަރުދަނުގެ ފޮތް ފޯރު ކޮށްދެވިފައިވާ ކަމަށެވެ.
"މި ފޮތްތައް ތައްޔާރު ކުރުމަށް 40 މިލިއަން ރުފިޔާ ހޭދަވޭ. އޭގެ ތެރޭގައި ބައި މިލިއަނަށް ވުރެ ގިން ފޮތް ބެހިފައިވޭ. ފޮތް ބެހުމުގެ މަސައްކަތް ސްކޫލުތަކާ ގުޅިގެން އެބަ ކުރިއަށް ދޭ،" މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި އެވެ.
ސްކޫލު ކުދިންގެ ޓެކްސްޓް ފޮތްތައް --ސަންފޮޓޯ -- އަލީ ނަސީރު
މިހާރު ސުކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ މިފަހަރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބިދޭސީ ޓީޗަރުން ގެންނަން ޖެހުނު އަދަދު މަދުވުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ބިދޭސީ ޓީޗަރުންގެ އަދަދު 200ގައި އުޅުން އިރު މި އަހަރު އެ އަދަދު އުޅެނީ 100ގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލުތަކުގެ ޓީޗަރުން ހަމަވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކޮށްފައިވާ އިރު ޓީޗަރުންގެ ވަޒީފާއަށް އިއްޔެ ވެސް ވަނީ ގިނަ އަދަދެއްގެ ސްކޫލުތަކަކުން އިއުލާނު ގެޒެޓްކޮށްފަ އެވެ. ހަމަ އެކަނި އިއްޔެ ވެސް 11 އަށް ވުރެ ގިނަ ޓީޗަރުން ހޯދުމަށް އިއުލާނު ގެޒެޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި މާލޭގެ ސްކޫލުތައް ވެސް ހިމެނެ އެވެ.
ސްކޫލުތަކުގެ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ޕީއެސްއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ޝިހާމް -- ސަންފޮޓޯ -- އަލީ ނަސީރު
ސަރުކާރުން އަލަށް ސްކޫލުތަކުގައި ކިޔަވައިދޭން ފެށި ޕްރީ ސްކޫލު ހިދުމަތާ ބެހޭ ގޮތުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ އެކަމުގެ ތައްޔާރީތަކަށް ޖުމްލަ 25 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ. ސިޓީގެ ދަރަޖަ ދެވިފައިވާ ތަންތަނުގެ ސްކޫލުތައް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިހާރު ސަރުކާރުން ޕްރީސުކޫލު ހިންގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން މިހާރު ގާތްގަނޑަކަށް 9000 އަށް ވުރެ ގިނަ ކުދިން އެލްކޭޖީ އަދި ޔޫކޭޖީގައި ކިޔަވަން ފަށާނެ. ސަރުކާރު ސްކޫލުތަކުގައި އިތުރަށް ޕްރީ ސްކޫލް ހިންގުމަށް ޓަކައި ބޭނުންވާ ޓީޗަރުން ވަޒީފާއަށް ވެއްދުމާއި އިތުރު ކްލާސްރޫމް ހެދުމާއި. ކުޑަކުދިންނާ ގުޅޭ ފާހާނާއި އަދި ކުޅޭނެ ތަންތަން ހެދުމަށް ސްކޫލުތަކާއި ބެލެނިވެރިންނާއި ގުޅިގެން މިވަނީ ކޮށްފައި،" މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި އެވެ.
ކުރިއަށްއޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް ޖެނުއަރީ 13 ( މާދަމާ) އެވެ.