މާލޭގެ ހުޅަނގު ފަރާތުގައި ހަދާ އާޓިފިޝަލް ބީޗު މިމަހު ތެރޭގައި ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު އެތަނުގެ ބޮޑުބައެއް ހަދައި ނިމިފައިވާ އިރު މާލެ އިން މީގެ ކުރިން ނުފެންނަވަރުގެ ހިތްގައިމު ކަމެއް އެތަނުން ފެނެ އެވެ. މީހުން ގިނަ ބާރުބޮޑު މާލޭގައި އެފަދަ ތަނެއް ހެދުމުން ގިނަ ބަޔަކަށް އޭގެ ހިތަހަމަޖެހުން ލިބޭނެ ކަން ޔަގީނެވެ.

އަލަށް ހަދާ އާޓިފިޝަލް ބީޗުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ވަނީ 300 ގަސް އިންދައިފަ އެވެ. އެއީ ވެސް ތަނުގެ ހިތްގައިމުކަމަށް ލިބުނު އިތުރު ތަނަވަސްކަމެކެވެ. ތަނުގެ ފަށައިގެން ފެންނަ ގޮތަށް މަލަމަތީގައި ރީތި ރުށްތަކެއް ޖަހާފައި ހުރުމުން ދިވެހިވަންތަ ގޮތެއް ވެސް ދައްކުވައިދެ އެވެ. ހަމަ ޔަގީނުން ވެސް އެ ސަރަހައްދުން ދަތުރުކުރާ އުޅަދު ފަހަރަށް މާލެ ފެންނާނީ ވަރަށް ހިތްގައިމުކޮށެވެ.

އަލަށް ހަދާ އާޓިފިޝަލް ބީޗު: މިމަހު އެތަން ހުޅުވާނެ -- ފޮޓޯ -- އަހުމަދު ޝަފީގު އެފްބީ

ގަސް އިންދުމުގެ މަސައްކަތަކީ މާލޭގެ މަލަމަތި ހިތްގައިމު ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރެވުނު ކަމެއް ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އެގޮތުން އެ ސަރަހައްދުގައި ކުރަމުން އަންނަ މަސައްކަތްތައް ނިމުމުން އެ ސަރަހައްދުން އަތޮޅުތެރޭގެ ރަށެއްގެ ގޮނޑުދޮށް ސިފަވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިހާރު ހަދާ އާޓިފިޝަލް ބީޗާއި ކުރީގެ އާޓިފިޝަލް ބީޗާއި ތަފާތުތަކެއް އެބަހުއްޓެވެ. މިހާރު ހަދާ އާޓިފިޝަލް ބީޗުގައި މޫދަށް އެރިލައި މަޖާކޮށްލުމުގެ އިތުރުން އެސަރައްދުގައި ބާބަކިއު ވެސް ހެދޭގޮތަށް "ބާބަކިއު އޭރިއާއެއް" ދަނީ ހަދަމުންނެވެ. މިނިސްޓަރު މުއިއްޒު ވިދާޅުވީ އެތަނުގައި ބާބަކިޔު ސަރަހައްދެއްގެ އިތުރުން ފިޝިންގް ދެ ޕްލެޓްފޯމަކާއި ފެން ވެރޭ ގޮތަށް ފާޚާނާ ބަރިއެއް ވެސް ގާއިމްކުރެވޭނެ ކަމަށެވެ.

"މާލޭގައި އަދި ނެތް ބާބަކިއު ހެދޭ ގޮތަށް ސަރަހައްދެއް. ބީޗުގެ އުތުރު ފަރާތުގައި ހިމެނިފައި ވާނެ ބާބަކިއު ހެދޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ސަރަހައްދެއް،" މުއިއްޒު ވިދާޅުވި އެވެ.

ބާބަކިއު ހެދުމަށް ދަތުރު ހަދާފައި ހުޅުމާލެއަށްދާ މީހުންނަށް އެއީ އުފާވެރި ހަަބަރެކެވެ. އާޓިފިޝަލް ބީޗުގެ މަސައްކަތް ނިމޭ އިރު އެ ސަރަހައްދުގެ ވަށައިގެންވާ މަގުވެސް ރަނގަޅު ފެންވަރަކަށް ހެދިގެން ދާނެ ކަމަށް ހައުސިންގެ މިނސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިމަހު އެތަން ހުޅުވާ އިރު ސަރަހައްދު ހުޅުވާ ރަސްމިއްޔާތުގެ ކޮންސެޕްޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އެ ސަރަހައްދު ކުރިން އޮތް ގޮތާއި އެ ސަރަހައްދަށް އައިސްފައިވާ ބަދަލާ އެކު، ރަށެއްގެ މަލަމަތި ސިފަވާގޮތަށް 3ޑީ ޕްރޮޖެކްޝަން މެޕިންގް ނުވަތަ ކޮންސެޕްޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

އެސަރަހައްދުގެ 4623 އަކަ މީޓަރުގެ ސަރަހައްދެން ތިން މީޓަރަށް ފުން ކުރުމާއި 2547 އަކަ މީޓަރުގެ ގޮނޑުދޮށެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 41.5 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.