ރާމަﷲ : ފަލަސްތީނުގެ ޙައްޤުތަކާއި އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކާ އަދި ފަލަސްތީނުގެ މިނިވަން ދައުލަތާބެހޭގޮތުން އެމެރިކާ ގެންގުޅޭ ސިޔާސަތު ސާފުނުވާ ކަމަށާ މިސިޔާސަތު ސާފުކޮށްދީ މިކަންތައްތަކާމެދު އެމެރިކާ ގޮތެއް ނިންމައިދިނުމަށް ފަލަސްތީނުގެ ޒާތީ އިދާރާއިން އެމެރިކާ އަށް ގޮވާލައިފި އެވެ.

ފަލަސްތީނުގެ ޒާތީ އިދާރާގެ އިސްބޭފުޅެއްކަމަށްވާ ނަބީލް އަބޫރުދައިނާ ވިދާޅުވި ގޮތުގައި 1967 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލު ފައިބަންޖެހޭ އަދި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތް އުފައްދަންޖެހޭ ބިންތައް ކަމަށް އެމެރިކާ ބުނި ނަމަވެސް އަދި މިބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ޣައިރު ޤާނޫނީ ކަމެއްކަމަށް އެެމެރިކާ ދެކޭ ނަމަވެސް މިކަންކަން ކޮޅެއްގައި ޖައްސައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަންޖެހޭ ހިސާބަށް މައްސަލަ ގެންދަން ބޭނުންނުވާކަން އެމެރިކާގެ ޢަމަލުތަކުން ދޭހަވާ ކަމުގައެވެ.

ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ހިންގާ ޔަހޫދީ ވަޒަންވެރިކުރުވުމުގެ މަޝްރޫޢަކީ ޣައިރު ޤާނޫނީ ކަމެއްކަމަށް ބުނުމަށްފަހު އެމެރިކާވަނީ މިކަން ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާ ޤަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމާ ދެކޮޅުހަދައި މިޤަރާރު ފެންކޮށްލުމަށް ޓަކައި ވީޓޯކޮށްފައެވެ. އަދި ފަލަސްތީނުން ޢިޢްލާން ކޮށްފައިވާ މިނިވަން ދައުލަތަށް އިޢްތިރާފް ވުމަށްވެސް އެމެރިކާ ގެންދަނީ ފަސްޖެހެމުންނެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް ޤަބޫލުކުރުމުގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް މިއަހަރުގެ ފަހުކޮޅު ހުށަހަޅާއިރު އެކަމާދެކޮޅަށްވެސް އެމެރިކާ ވީޓޯ ކުރާނެކަމަށް ވަނީ ބެލެވިފައެވެ. މީގެއިތުރުން ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމަށްޓަކައި އިސްރާއީލަށް އެއްވެސް ފިއްތުންތައް ކުރިމަތި ކުރުމަށްވެސް އެމެރިކާ ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެ ކިޔާ ޔަހޫދީ ދައުލަތް އުފެއްދިގޮތަށް ފަލަސްތީނުގެ ބިމުގައި އެބިމުގެ އަސްލު ވަޒަންވެރިން ކަމަށްވާ ފަލަސްތީނު ރައްޔިތުންނަށް މިނިވަން ދައުލަތެއް އުފައްދައި ދިނުމުގައި އެހީތެރިވެ ދިނުމަށް ފަލަސްތީނުގެ މަސްއޫލުވެރިޔާ އެމެރިކާއަށް ގޮވާލެއްވިއެވެ.

އަދި ކޮޅެއް ކުރިޔެއްނޭންގޭ އަދި ނަތީޖާ ނުނެރެވޭ ސުލްހައިގެ ހުސް ވާހަކަތަކެއް ކުރިޔަށް ގެންދިޔުމަށް އެމެރިކާ ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ބަދަލުގައި ނަތީޖާ ނެރެވޭ ސުލްހައިގެ ސީރިޔަސް ވާހަކަތަކެއް ކުރިޔަށް ގެންގޮސް ދިނުމަށްވެސް ފަލަސްތީނުގެ މަސްއޫލުވެރިޔާ އެމެރިކާގެ ކިބައިން އެދިވަޑައިގެންނެވިއެވެ. (އަލްޖަޒީރާ)