12 Jan 2016, 13:33
ރިޔާދް (ޖެނުއަރީ 12): ސައުދީ އަރަބީއާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދުގެ ހަރަދުގައި އުމްރާ ކުރުމާއި މަދީނާއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު މި އަހަރު 1000 މީހުންނަށް ދޭން ސައުދީ ސަރުކާރުން ނިންމައިފި އެވެ.
އެ ގައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބެލުމުގެ ދަށުން ސައުދީ ރަސްގެފާނުގެ ހަރަދުގައި އުމުރާ ކުރުމަށް ފުރުސަތުދޭ ޕްރޮގްރާމެއް ފެށީ މިދިޔަ އަހަރު އެވެ. އެ ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު 500 މީހުންނަށް އުމުރާ ކުރުމުގެ ފުރުސަތު ދީފައިވެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާ އަށް މީހުން ގެންދިއުމާއި އަނބުރާ ގައުމަށް ފޮނުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޓަކައި އެ ޕްރޮގްރާމްގެ އެގްޒެކެޓިވް ކޮމިޓީން އާދިއްތަ ދުވަހު ވަނީ ސައުދީ އަރަބިއަން އެއާލައިންސްގެ އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ.
އުމްރާ ކުރާ ފަރާތްތަކުން ސައުދީ އަށް އަންނަން ހަމަޖެހިފައި ވަނީ 250 މީހުން ހިމެނޭ ހަތަރު ގްރޫޕުގެ ގޮތުގައި އެވެ.
ސަލްމާން ރަސްގެފާނުގެ ހަރަދުގައި އުމްރާއަށް ގެންދިޔުމަށް މީހުން ހޮވަނީ މިއަހަރު ތެރޭގައި އިސްލާމީ ގޮތުން އެމީހުން ހޯދާފައިވާ ކާމިޔާބީތަކަށް ބެލުމަށް ފަހު އެވެ. (ސައުދީ ގެޒެޓް)