12 Jan 2016, 13:30
އެކަނިވެރި މައިންނާއި ދަރިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2012 ވަނަ އަހަރު އެލަވަންސް އިތުރަށް ދީފައިވާކަން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވާފައިވާ ހެލްތު މިނިސްޓްރީގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސޯޝަލް ޕްރޮޓެކެޝަން އެޖެންސީ އިން އެކަނިވެރި މައިންނަށް އެލަވަންސް ދީފައިވާ އިރު 2012 ވަނަ އަހަރު 12،000 ރުފިޔާ އިތުރަށް ދީފައިވާ ކަމަށެވެ.
އެގޮތަށް ދިމާވެފައި ވަނީ އެކަނިވެރި މައިން ބަލަހައްޓާ ކުދިންގެ ދަފްތަރެއް ތައްޔާރުކޮށް ޒިންމާދާރު ކަމާއެކު ހަރުދަނާގޮތެއްގައި ބަލަހައްޓާފައި ނުވުމުން އެލަވަންސް ދިނުމަށް ތައްޔާރުކޮށްފައިވާ އެކްސެލް ޝީޓްގައި ބައެއް ފަރާތްތަކުގެ ނަންތައް ތަކުރާރު ވެފައިވާތީ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އެ މައްސަލަ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ އިރު އެފަހަރު ފާހަގަކޮށްފައިވާ 29000 ރުފިޔާ ވަނީ އަނބުރާ ހޯދާފައިވާކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެކަނިވެރިމައިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު ވެސް ރަނގަޅަށް ބެލެހެއްޓިފައި ނުވުމާއި އިތުރަށް ފައިސާ ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެލަވަންސް ދޭންޖެހޭ ފަރާތްތަކުގެ ތެރެއިން 1000 ފަރާތަކަށް ދެމިލިއަން ރުފިޔާ އިތުރަށް ދީފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ރަނގަޅު ދަފުތަރެއް އެކުލަވާލުމަށާއި އިތުރަށް ދެވިފައިވާ ފައިސާ ހޯދުމަށެވެ.
އޭގެ އިތުރުން ހެލްތު މިނިސްޓްރީއަށް 2012 ވަނަ އަހަރު ކަރަންޓް ސަބްސިޓީގެ ގޮތުގައި ފާސްކުރި 339737087 ރުފިޔާގެ އިތުރުން 28343728 ރުފިޔާ ހަރަދު ކޮށްފައިވާކަން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ފާސްކޮށްފައިވާ ބަޖެޓުގައި ބުނެފައިވާ ގޮތަށް ނޫނީ ދައުލަތުގެ ފައިސާއިން ހަރަދު ނުކުރުމަށާއި ދައުލަތުން ކުރަން ޖެހޭ ކޮންމެ ހަރަދެއްވެސް އެ ހަރަދެއް ކުރުމަށް ކަނޑައެޅިފައި އޮންނަ އުސޫލާ އެއްގޮތަށް ކުރުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.