12 Jan 2016, 13:36
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ އިންތިހާބު މިމަހު 28 ވަނަ ދުވަހު ބޭއްވުމަށް އިއުލާންކޮށް އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހެދުނު 9:00 ފެށިގެން ހުޅުވާލާއިރު އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ މިމަހު 25 ވަނަ ދުވަހެވެ.
ނިއުއިން ބުނީ އެެކުލަބުގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އެކްސްކޯގެ ނުވަ މަގާމަކަށް މެންބަރުން އިންތިހާބު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ކުލަބުގެ ޗެއާމަންއާއި އިތުރު މެންބަރުންނެވެ.
ޗެއާމަން ހޮވުމަށް ހަމަޖެހިފައިވަނީ އެކްސްކޯގެ މެންބަރުކަމަށް ހޮވޭ މީހުންގެ ތެރެއިންނެވެ.
އެކްސްކޯގެ މަގާމުތަކަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން ނިއުއިން ކަނޑައަޅާފައިވާ މައުލޫމާތުތައް ފުރިހަމަ ކުރުމަށްފަހު 25 ވަނަ ދުވަހުގެ ކުރިން އެކުލަބަށް އެޑްރެސްކޮށް އެފްއޭއެމްގެ އިދާރާއަށް ފޮނުވުމަށް ނިއުއިން އެދެއެވެ.
ނިއުގެ ތާރީހުގައި ފެނުނު އެންމެ ކާމިޔާބު ޗެއާމަން އަލީ ވަހީދު (ބަލަކު) ވަނީ ކުރިއަށް އޮތް ނިއުގެ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ނިންމަވާފައެވެ.
ނިއުރޭޑިއަންޓްގެ އިންތިހާބުގައި ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މައުލޫމާތުތައް:
ފުރިހަމަ ނަން
- އުފަންތާރީޚް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު (މުއްދަތު ހަމަނުވާ އައިޑީކާޑްގެ ކޮޕީއާއެކު)
- ދާއިމީ އެޑްރެސް (އަތޮޅާއި ރަށް އެނގޭނެ ގޮތަށް)
- މިހާރު ދިރިއުލޭ އެޑްރެސް (އަތޮޅާއި ރަށް އެނގޭނެ ގޮތަށް)
- ކުލަބުގެ ފަރާތުން ފޮނުވަންޖެހޭ ލިޔުމާއި އެންގުންތައް ފޮނުވާނެ ރަސްމީ އެޑްރެހެއް ފޯނު ނަންބަރާއެކު (އީމެއިލްއިން ފޮނުވާނަމަ އީމެއިލް އެޑްރެސް އަދި ޕޯސްޓް މެދުވެރިކޮށް ފޮނުވާނަމަ ޕޯސްޓަލް އެޑްރެސް)