12 Jan 2016, 12:47
މެދުތެރެއާ ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މިއަދު ހެދުނު 10 އަކުން މާދަމާ ހެނދުނު 10 އަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށެވެ. ވައިޖެހޭނީ އިރު އުތުރާއި އިރުން މެދެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް ވެސް މެޓް އޮފީހުން ލަފާ ކުރެ އެވެ.
"އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާ 13 މޭލާއި ދެމެދުގެ ބާރުމިނުގައި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ.،" މެޓް އޮފީސް
މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަަދަވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގދ. ނަޑެއްލާއާއި އައްޑޫ ސިޓީގެ ފޭދޫގައި ވަނީ ފެންބޮޑުވެފަ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ރާއްޖޭގެ ދެކުނަށް ރޭ ކުރި ވިއްސާރައިގައި އައްޑޫ ސިޓީގެ ފޭދޫއާއި ގދ. ނަޑެއްލާގައި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެގޮތުން ފޭދޫގައި ހުރި ކާނުތައް ސާފުކޮށް، ފެން ދައުރުވާގޮތް ހެދުމުގެ މަސައްކަތާއި ނަޑެއްލާގައި ޕަމްޕް ބޭނުންކޮށްގެން، މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.