12 Jan 2016, 12:53
މޮސްކޯ (ޖެނުއަރީ 12): ސީރިއާގެ މަދަނީ ހަނގުރާމައަށް ސިޔާސީ ހައްލެއް ގެނައުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް އެގައުމަށް އާ ގާނޫނު އަސާސީއެއް ބޭނުންވާ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
ސީރިއާގައި ހިނގަމުންދާ ހަނގުރާމާގައި އެ ގައުމުގެ މިހާރުގެ ރައީސް ބައްޝާރުލް އައްސަދަށް ވާގިވެރިވާ ޕޫޓިން އެފަދައިން ވިދާޅުވީ ޖަރުމަނުގެ ނޫހަކަށް ޖެނުއަރީ ފަހެއްގައި ދެއްވި އިންޓަވިއުއެއްގައި އެވެ.
"ސޫރިޔާގެ ގާނޫނު އަސާސީ އާ ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އަދި އާ ގާނޫނު އަސާސީގެ ދަށުން [ސީރިއާގައި] ރިޔާސީ އިންތިހާބަކާއި މަޖިލިސް އިންތިހާބެއް ބާއްވަން ޖެހޭ،" ޕޫޓިން ވިދާޅުވި އެވެ.
އަދި، ސީރިއާގައި އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައަށް ވެސް ރަޝިއާ އިން އަސްކަރީ އެހީ ފޯރުކޮށްދޭނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ރަޝިއާގެ އަސްކަރިއްޔާ އިން ދޭ ހަމަލާތައް ބައްޝާރުލް އައްސަދާ އިދިކޮޅު އާއްމުންނަށް އަމާޒު ކުރުމުގެ ބަދަލުގައި އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒު ކުރުމަށް އެމެރިކާއާއި ފްރާންސުން ދަނީ ރަޝިއާ އަށް ޕްރެޝަރު ކުރަމުންނެވެ.
މީގެ އިތުރުން، ސައުދީ އަރަބިއާ އާއި އީރާނާ ދެމެދު ޖެހިފައިވާ މައްސަލައިގެ ސަބަބުން ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ހުރަސް އެޅޭނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
"އެމައްސަލަ ހައްލު ކުރުމަށްޓަކައި އަޅުގަނޑުމެން [ރަޝިއާ]ގެ އެހީ ބޭނުންވާ ނަމަ، އަޅުގަނޑުމެން މިތިބީ ވީހާވެސް އަވަހަށް އެހީވާން،" ސައުދީ އަރަބިއާ އާއި އީރާނާ ދެމެދު ޖެހިފައިވާ މައްސަލައާ ބެހޭ ގޮތުން ޕޫޓިން ވިދާޅުވި އެވެ. (ރޮއިޓާސް)