ސްޕެޝަލް ކޮންސްޓެބްލަރީގެ 150 ފުލުހުން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާންކޮށްފިއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުކަމުގައި ގްރޭޑް 10 ނިންމާފައިވުމާއި ފިރިހެނެއްނަމަ އިސްކޮޅުގައި "3'5 ފޫޓަށްވުރެ ކުރުނުވުން، އަދި އަންހެނެއްނަމަ އިސްކޮޅުގައި '5 ފޫޓަށްވުރެ ކުރުނުވުން ހިމެނެއެވެ.

އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ވެސް އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި، މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށްނުވުމާއި އެނޫންވެސް ޝަރުތުތައް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

އެ މަގާމަށް ކުރިމަތިލާ މީހުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑު ބަލާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.