16 Apr 2011, 09:34
ޤާހިރާ: މީހުން މެރުމާއި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުތަކެއްގައި ތަޙްޤީޤް ކުރެވެމުންދާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ ސިއްޙީ ޙާލުކޮޅު ދަށަށްދާތީ އޭނާ ޢަސްކަރީ ހަސްފަތާލަކަށް ގެންދިޔުމަށް މިސްރުގެ ޝަރްޢީ ދައިރާއިން އަމުރުކޮށްފިއެވެ.
ދެކުނު ސައިނާ ގަވަރނޭޓްގެ ގަވަރނަރ މޭޖަރ ޖެނެރަލް މުޙައްމަދު ޢަބްދުލްފަޟީލް ވިދާޅުވިގޮތުގައި މުބާރަކް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޤާހިރާގެ ދެކުނުގައިވާ ޢަސްކަރީ ހަސްފަތާލަކަށެވެ.
މުބާރަކާއި އޭނާގެ ދެފިރިހެން ދަރިންގެ މައްޗަށް ތަޙްޤީޤް ހިންގުމަށްޓަކައި އެތިން ބަފައިން 15 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މިސްރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އަމުރުކުރައްވާފައެވެ. މިއަމުރާ އެއްގޮތަށް މުބާރަކްގެ ދެދަރިން ޖަލަށްލެވުނުއިރު މުބާރަކްގެ ސިއްޙީ ޙާލުކޮޅު ދެރަކަމުން މުބާރަކްވަނީ ޝަރްމުއްޝައިޚްގެ ހަސްފަތާލެއްގައި އެނދުމަތިކުރެވިފަ އެވެ.
ޢަސްކަރީ ހޮސްޕިޓަލުގައި ބޭއްވުމަށްފަހު މުބާރަކްގެ ޙާލުކޮޅު ރަނގަޅުވުމުން އޭނާ ޖަލަށް ގެންދެވޭނެ ކަމަށް މިސްރުގެ ޝަރްޢީ ދާއިރާގެ އިސްބޭފުޅަކު ވިދާޅުވި އެވެ.
މުބާރަކް ގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކަކީ ދިގުމުއްދަތަކަށް ވެރިކަން ކުރެއްވިއިރު މަޤާމާއި ނުފޫޒުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރެއްވުމާއި ދައުލަތުގެ އެތަށް ބިލިޔަން ޑޮލަރެއްގެ ފައިސާއާއި މުދާ، އަމިއްލަ ކުރެއްވުމާއި އޭނާގެ ވެރިކަމާ ދެކޮޅަށް ސުލްޙަވެރިކަމުގައި އަޑުއުފުލި މިސްރުގެ އެތަށް މިލިޔަން ބައެއްގެ ގަޔަށް ބަޑިޖަހައި އޭގެ ތެރެއިން 800 އެއްހާ މީހުން މަރައި 5 ހާހެއްހާ މީހުން ޒަޚަމްކޮށްލުމުގެ ތުހުމަތުތަކެވެ.
މިތުހުމަތުތައް ސާބިތު ވެއްޖެނަމަ ދަންޖައްސައި މެރުމުގެ ހުކުމެއް މުބާރަކްގެ މައްޗަށް އަންނާނެ ކަމަށް ޤާނޫނީ ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ. (އަލްޖަޒީރާ)