ބޮލީވުޑްގެ އަރަމުން އަންނަ ތަރި ޝުޝާންތު ސިންގު ރާޖްޕުތު އާއި ހިންދީ ޑުރާމާތަކުން މަޝްހޫރުކަން ހޯދާފައިވާ އަންކިތާ ލޮކާންޑް އަންނަ ޑިސެމްބަރު މަހު ކައިވެނި ކުރަން ނިންމައިފި އެވެ.

އެވޯޑު ދިނުމުގެ ރަސްމިއްޔާތެއް އިފްތިތާހު ކުރުމަށް ބޭއްވި ޕާޓީއެއްގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޝުޝާންތު ވަނީ އަންކިތާ އާ އަންނަ ޑިސެމްބަރު މަހު ކައިވެނި ކުރަން ނިންމާފައިވާ ކަން އިއުލާނުކޮށްފަ އެވެ.

މީގެ ކުރިން ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ޝުޝާންތު ބުނީ، އެ ދެތަރިންގެ ކައިވެނީގެ ހަފްލާ ވަރަށް ބޮޑު ވާނެ ކަމަށާއި އެކަމަށް އޭނާ 10 ދުވަސް ހޭދަ ކުރާނެ ކަމަށެވެ.

"އަހަރެންގެ އާއިލާއަށް އޯކޭ ކޮންމެ ގޮތަކަސް. އެމީހުންނަށް ހެޔޮ އަހަރެން ކޯޓުގައި ކައިވެނި ކުރިޔަސް. އެކަމަކު އަންކިތާ ބޭނުން ވަނީ ޖޯދުޕޫރްގެ ގަނޑުވަރެއްގައި ކައިވެނި ކުރަން. އަހަންނަށް އެ ގޮތް ވެސް އޯކޭ،" ޝުޝާންތު ބުންޏެވެ.

ޝުޝާންތުއާއި އަންކިތާ ޑިސެމްބަރުގައި ކައިވެނި ކުރަން ނިންމާފައިވާ އިރު، އެދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ވަނީ ހަ އަހަރު ވެފަ އެވެ.

އަންކިތާ އާއި ޝުޝާންތުގެ އެކްޓިންގެ ކެރިއާ ފެށިގެން އައީ 2009 ވަނަ އަހަރު ޒީ ޓީވީ އިން ދެއްކި ޑުރާމާ "ޕަވިތުރަ ރިޝްތާ" އިންނެވެ.

އެއަށް ފަހު ޝުޝާންތު އަށް ވަނީ ބޮލީވުޑްގެ ފިލްމުތައް ކުޅުމުގެ ފުރުސަތުތައް ލިބިފަ އެވެ. އެގޮތުން އޭނާގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި، ކައި ޕޯޗޭ، ޕީކޭ ފަދަ ފިލްމުތައް ހިމެނެ އެވެ.