12 Jan 2016, 12:16
ފީފާއިން ހޮވި 2015 ވަނަ އަހަރުގެ ދުނިޔޭގެ ޑްރީމް ޓީމުގައި ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ހަތަރު ކުޅުންތެރިން ހިމެނިއްޖެ އެވެ.
މިދިޔަ ސީޒަނުގައި ބާސާ އިން ބައިވެރިވި ހަ މުބާރާތުގެ ތެރެއިން ފަސް މުބާރާތް ކާމިޔާބް ކޮށްފައިވާ އިރު އެ ޓީމުން ހިމެނުނު ހަތަރު ކުޅުންތެރިންނަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާޖެންޓީނާ ކެޕްޓަން ލިއޮނަލް މެސީ އާއި ބްރެޒިލްގެ ނޭމާ އާއި ޑެނީ އަލްވެޒް އާއި ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އެވެ.

ފީފާއިން ހޮވި 2015 ވަނަ އަހަރުގެ ދުނިޔޭގެ ޑްރީމް ޓީމުގައި ހިމެނުނު 11 ކުޅުންތެރިން އެ ކުޅުންތެރިން ކުޅޭ މަގާމްގައި --- ފޮޓޯ: ބީބީސީ
ރެއާލް މެޑްރިޑުން މި ދިޔަ ސީޒަން ހުސްއަތާ ނިންމާލި ނަމަވެސް އެ ކުލަބުން ވެސް ވަނީ ހަތަރު ކުޅުންތެރިއަކު ޑްރީމް ޓީމްގައި ހިމެނިފައެވެ. އެ ހަތަރު ކުޅުންތެރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މާސެލޯ އާއި ސާޖިއޯ ރާމޯސް ގެ އިތުރުން ލޫކާ މޮޑްރިޗް އެވެ.
ދެން އެ ލިސްޓްގައި ހިމެނުނު އަނެއް ތިން ކުޅުންތެރިންނަކީ ޔުވެންޓަސްގެ ޒުވާން ފޯވާޑް ޕައުލް ޕޮގްބާ އާއި ޕީއެސްޖީގެ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ އަދި ބަޔާން މިއުނިކްގެ ޖަރުމަނު ކީޕަރު މެނުއަލް ނޯޔާ އެވެ. ނަމަވެސް ނޯޔާ އެވޯޑް ނައިޓްގައި ބައިވެރި ވެފެއެއް ނުވެއެވެ.
އެ ކުޅުންތެރިންނަށް އެވޯޑް ހަވާލުކޮށްދިނީ ރޭ ބޭއްވި ފީފާ އެވޯޑް ނައިޓްގައި ކެމަރޫނުގެ ކުރީގެ ފޯވަޑް ސެމިއުލް އެޓޫ އެވެ.