މަލްޓި ނޭޝަނަލް މާސްމީޑިއާ ކުންފުނި "ނިއުސް ކޯޕަރޭޝަން" ގެ ޗެއާމަން ރޫޕާރޓް މާޑޮކް އާއި ކުރީގެ މޮޑެލް ޖެރީ ހޯލް އެންގޭޖު ކޮށްފިއެވެ.

އެ ދެމީހުން އެންގޭޖުކޮށްފައިވަނީ، މިދިޔަ ހަފްތާ ބަންދުގަ އެމެރިކާގެ ލޮސް އެންޖެލްސް ގައެވެ. އަދި އާދިއްތަ ދުވަހު އޮތް 73 ވަނަ ގޯލްޑެން ގުލޯބްސް ހަފްލާއަށްވެސް އެދެމީހުންވަނީ އެކުގައި ގޮސްފައެވެ.

ރޫޕަރޓުގެ ސުޕޯކްސް ޕާސަން ސްޓީވެން ރުބެންސްޓެއިން އާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، ރޫޕާރޓު އާއި ހޯލް، ރައްޓެހި ވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.

"އެމީހުން ލޯބިވެގެން އުޅޭތާ މަސްތަކެއް ވެއްޖެ. އަދި ކައިވެނިކުރުމަށާއި އެދެމީހުންގެ މުސްތަގުބަލާއި މެދު ދެމީހުންވެސް ތިބީ ވަރަށް އެގްޒައިޓުވެފަ" ސްޓީވެން އާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.

އަށްޑިހަ ހަތަރު އަހަރުގެ ރޫޕަރޓު ވަނީ މީގެ ކުރިން ތިން ކައިވެންޏެއް ކޮށްފައެވެ. އޭނާ އެންމެ ފަހުން ކައިވެނި ކޮށްގެން އުޅުނީ ވެންގީ ޑެންގު ނަމަކަށް ކިޔާ މީހަކާއެވެ. 14 އަހަރުވީ އެކައިވެނި ރޫޅުނީ 2013 ވަނަ އަހަރުއެވެ.

އޭގެ ކުރިން އޭނާ ވަނީ އޮސްޓްރޭލިއާގެ މީހެއްގެ އިތުރުން ނޫސްވެރިއަކާވެސް ކައިވެނީގެ ގޮތުން ގުޅިގެން އުޅެފައެވެ.

ރޫޕަރޓު ކުރި ތިން ކައިވެންޏަށް އޭނާ އަށް ވަނީ ހަ ކުދިން ލިބިފައެވެ.

ފަންސާސް ނުވަ އަހަރުގެ ހޯލް ވެސް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. އޭނާ މީގެ ކުރިން ކައިވެނި ކުރީ ލަވަކިޔުންތެރިޔާ މިކް ޖެކް އާއެވެ. އެކައިވެންޏަށް ހަތަރު ކުދިން ލިބިފައި ވެއެވެ.