12 Jan 2016, 10:53
ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެރަށެއްގައި ފެންބޮޑުވެއްޖެ އެވެ.
ރޭގައި ވާރޭ ވެހި ފެންބޮޑުވެފައި ވަނީ ގދ. ނަޑެއްލާއާއި އައްޑޫ ސިޓީގެ ފޭދޫގަ އެވެ.
ނަޑެއްލާ ރަށު ކައުންސިލުން ބުނީ ރޭ 8.30 އިން ފެށިގެން އެ ރަށަށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އަށް ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ. ނަޑެއްލާ ރަށު ކައުންސިލްގެ ރައީސް ފައިސަލް ނަޖީބް ނަޖީބް ސަން އަށް ވިދާޅުވީ ފެން ވަނުމުގެ ސަބަބުން ބައެއް ގޭގޭގައި ހުރި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވި ކަމަށެވެ.
"...ރޭ 8.30 އިން ފެށިގެން ވާރޭ ވެހެމުން ދިޔައީ. އަށް ގެއަކަށް ފެން ވަދެފައިވޭ، ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވި ދެ ގެއެއްގެ، ދެން ކާޑެއްދޫގައި ތިބޭ ސިފައިންގެ އެހީތެރިކަމާ އެކީ މިހާރު ވަނީ ކޮންމެވެސް ވަރަކަށް މައްސަލަ ހައްލުވެފައި،" ފައިސަލް ވިދާޅުވި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ރާއްޖޭގެ ދެކުނަށް ރޭ ކުރި ވިއްސާރައިގައި އައްޑޫ ސިޓީގެ ފޭދޫއާއި ގދ.ނަޑެއްލާގައި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެގޮތުން ފޭދޫގައި ހުރި ކާނުތައް ސާފުކޮށް، ފެން ދައުރުވާގޮތް ހެދުމުގެ މަސައްކަތާއި ނަޑެއްލާގައި ޕަމްޕް ބޭނުންކޮށްގެން، މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.