އިސްލާމްއާބާދު (ޖެނުއަރީ 12): އަފްޣާނިސްތާނުގެ ސަރުކާރާއި ތާލިބާނުންނާ ދެމެދު ސުލްހަ ގާއިމު ކުރުމުގެ ވާހަކަތައް ޕާކިސްތާނުގައި އިއްޔެ ބާއްވައިފި އެވެ.

އެބައްދަލުވުމުގައި އަފްޣާނިސްތާނާއި ޕާކިސްތާނުގެ އިތުރުން އެމެރިކާއާއި ޗައިނާގެ އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އަފްޣާނިސްތާނުގެ އެއްބައިވަންތަކަމާއި ނަޒާހަތްތެރިކަން ރައްކާތެރިކުރުމަށް ޓަކައި އެގައުމުގެ ސަރުކާރާއި ތާލިބާނުންނާ ދެމެދު ސީދާ މަޝްވަރާކުރުންތައް ބޭއްވުމުގެ މުހިއްމުގެ ކަމަށް އެ ބައްދަލުވުމުގައި އަލި އަޅުވާލި ކަމަށް ބައްދަލުވުމަށް ފަހު ހަތަރު ގައުމުގެ އޮފިޝަލުންގެ ފަރާތުން ނެރުނު ބަޔާނެއްގައިވެ އެވެ.

އަދި އަފްޣާނިސްތާނުގެ ސަރުކާރާއި ތާލިބާނުންނާ ދެމެދު ސުލްހަ ގާއިމު ކުރުމުގެ ރޯޑްމެޕެއް އެކުލަވާލުމަށް ޓަކައި އެ ހަތަރު ގައުމުގެ އޮފިޝަލުން މިމަހުގެ 18 ވަނަ ދުވަހު އަނެއްކާ ވެސް ބައްދަލުވުމެއް ބާއްވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މިދިޔަ އަހަރު ވެސް އަފްޣާނިސްތާނާއި ތާލިބާނުން ވަނީ ސުލްހައިގެ ވާހަކަތައް ދެއްކުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، ތާލިބާނުންގެ ލީޑަރު މުއްލާ އުމަރު 2013 ވަނަ އަހަރު މަރުވެފައިވާ ކަމުގެ ހަބަރު ފެތުރުމުން ސުލްހައިގެ ވާހަކަތައް ހުއްޓުނެވެ.

އޭގެ ފަހުން މުއްލާ އުމަރުގެ ޑެޕިއުޓީ، މުއްލާ މަންސޫރު ވަނީ ތާލިބާނުންގެ ލީޑަރަށްވެ ވަޑައިގެންފަ އެވެ. ނަމަވެސް ބައެއް ތާލިބާނުން ވަނީ އޭނާގެ ވެރިކަމާ ދެކޮޅުހަދައި، މުއްލާ މުހައްމަދު ރަސޫލްގެ ދަށުން އެހެން ފެކްޝަނެއް ހަދާފަ އެވެ. (ބީބީސީ)