12 Jan 2016, 10:15
ކުރިއަށް އޮތް ހަތަރު ގަޑިއުރު ތެރޭ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ފެންބޮޑުވެ ގެދޮރަށް ފެންވަދެ ދާނެ ކަމަށް ސަމާލުވެ ވެލިބަސްތާ ޖެހުމަށް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
އެ ސެންޓަރުން މިއަދު ކުރި އިލްތިމާސްގައި ބުނެފައި ވަނީ، ބޯކޮށް ވާރޭ ވެހި ރަށު ތެރެ ފެންބޮޑުވެދާނެ ކަމަށް ސަމާލުކަންދީ، ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި އިލެކްޓްރޯނިކްސް ތަކެތި ރައްކާތެރި ތަންތަނުގައި ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ގުގުރުމާ އެކު ވިއްސާރަ ކުރާ ނަމަ ރައްކާތެރި އިމާރާތެއްގެ ތެރޭގައި ތިބުމަށް ވެސް އެ ސެންޓަރުން އިލްތިމާސް ކޮށްފައިވެ އެވެ.
ހަމައެހެންމެ، މޫސުމާ ގުޅޭ ގޮތުން ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތުތަކަށް ރައްޔިތުން ސަމާލުވެ ތިބުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.