އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިއްޔެ ރާއްޖެ ވަޑައިގެން ޖައިޝަންކަރު ވަނީ ރައީސް އަބްދުﷲ ޔާމީން އާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތް ރައީސް ޔާމީން ވަނީ އޮޅުން ފިލުއްވައިދެއްވާފައެވެ.

އެ ޒިޔާރަތުގައ،ި ރާއްޖެ އާއި އިންޑިޔާއާ ދެމެދުގައި ހާރިޖީ އަދި ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޖައިޝަންކަރު ވަނީ ފޮރިން މިނިސްޓްރީގެ އިސްފަރާތްތަކާވެސް ބައްދަލު ކުރައްވާފައެވެ.

ޖައިޝަންކަރު ރާއްޖެ އަށް ވަޑައިގަންނެވީ، ސީރިއަސް ޑިޕްލޮމެޓިކް މައްސަލަތަކަކާ ބެހޭ ގޮތުން ދިވެހި ސަރުކާރާ މަޝްވަރާ ކުރައްވަން ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ނަމަވެސް އެ ދަތުރުފުޅާ ބެހޭ ތަފުސީލެއް ދެސަރުކާރުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނެފައި ވަނީ، ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންނެވުމަށް ފަހު ދެން ވަޑައިގަންނަވާނީ އަވަށްޓެރި ސްރީލަންކާ އަށް ކަމަށެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އަންނަނީ ބަދަހި ވަމުން ކަމަށް ދެގައުމުގެ ސަރުކާރުން ވެސް އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.