12 Jan 2016, 09:53
ދިވެހި ދަރިންގެ ހިތްތަކުގައި އިސްލާމްދީނަށް ޝައުގުވެރިކަން އުފެއްދެވުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވުމަށް މައިންބަފައިންނާއި ބެލެނިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.
މިއަދަކީ ރާއްޖެ އިސްލާމްވި ދުވަސްކަމުގައިވުމާއެކު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތޯބެއްގައި ރައީސް ޔާމީން ވިދާޅުވީ ނުގުޑާފަދަ އަޒުމަކާއެކު އިސްލާމް ދީނުގެ ތެދުމަގުގައި ސާބިތުވެ ތިބުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް އޮތް، ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ.
"މި ފުރުސަތުގައި، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ އެންގެވުންތަކަށް ފުރިހަމައަށް އިޙްތިރާމްކޮށް، އެ ދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުވެ ތިއްބަވައި، އަދި ދީނީ ފަރުޟުތަކަށާއި ވާޖިބުތަކަށް ރައްކާތެރިވެ ތިއްބެވުމުގެ ޢަޒުމް އާކުރެއްވުމަށް، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވަނީ އަދި ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގެ އިޚްލާސްތެރި ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް ދަންނަވާފައެވެ.
"މާތްﷲ، އިސްލާމްދީނުގެ މި މަތިވެރި ހިދާޔަތުގައި އަބަދަށް ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ! ރާއްޖޭގެ ރައްޔިތުންނަކީ ދީނީ ކަންކަމަށް ލޯބިކުރާ އަދި ހުރިހާ ގޮތަކުންވެސް ވަރަށް އެކުވެރި، އަޚުވަންތަ ބަޔަކު ކަމުގައި ލައްވާށިއެވެ! އިސްލާމީ އުންމަތަށް އިތުރު ނަޞްރާއި ކާމިޔާބީއާއި ހަމަޖެހުން މިންވަރު ކުރައްވާށިއެވެ! އާމީން،"