12 Jan 2016, 09:52
ހަތަރު އަހަރުގެ ދަރިފުޅާ އެކު އައިއެސްއާ ގުޅެން ސޫރިޔާއަށް ދިޔަ ސޯފީ ކަސިކީ [އަސްލު ނަމެއް ނޫން] އެ ތަޖުރިބާ ސިފަކޮށްފައިވަނީ އޭނާ އަށް "ހެދުނު އެންމެ ބޮޑު ގޯހު"ގެ ގޮތުގަ އެވެ.
ފްރާންސުގެ ޕެރިހަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ ސޯފީ ކަސިކީއާ އައިއެސް އަށް ނިސްބަތްވާ ބަޔަކާ އެންމެ ފުރަތަމަ ދިމާވީ ޕެރިހުގައި އިޖުތިމާއީ މަސައްކަތް ކުރުމުގެ ތެރޭގަ އެވެ. ސޯފީ އަށްވުރެ 10 އަހަރު ހަގު ތިން ފިރިހެނަކާ ގާތް ރަހުމަތްތެރި ކަމެއް އުފެދި، އެމީހުން ސޫރިޔާއަށް ދިޔުމުން ވެސް ކަސިކީ އެމީހުންނާ ގުޅުން ދެމެހެއްޓި އެވެ.
އެމީހުންގެ އެދުމުގެ މަތިން ކަސިކީ އައިއެސްއާ ގުޅެން ސޫރިޔާ އަށް ދިޔައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ތުރުކީ މެދުވެރިކޮށް ސޫރިޔާއަށް ކަސިކީ ދިޔައީ އިސްތަންބޫލުގައި ހުންނަ ކުޑަކުދިންގެ ހިޔާއެއްގައި މަސައްކަތް ކުރަން ދަނީ ކަމަށް އޭނާގެ ފިރިމީހާގެ ގާތުގައި ބުނެފަ އެވެ.
ނަމަވެސް، ސުވަރުގެއެއް ފަދަ ތަނެއްގެ ގޮތުގައި ސޯފީގެ "އެކުވެރިން" ސިފަކޮށްފައިވާ ރައްގާއަކީ އަނިޔާ އިން ފުރިގެންވާ ތަނެއްކަން ކަސިކީ އަށް އެނގުނީ ސޫރިޔާ އަށް ދިޔަ ފަހުންނެވެ. ވެރިރަށް ރައްގާ އަށް ދިޔުމާއެކު އައިއެސް އިން ވަނީ އޭނާގެ ޕާސްޕޯޓު ހަވާލުކުރުމަށާއި އެކަނި ގެއިން ބޭރަށް ނުދިޔުމަށާއި ފްރާންސުގައި ތިބި އޭނާގެ އާއިލާއާ ވާހަކަ ދެއްކުން ވީހާވެސް މަދުކުރުމަށް އަންގާފަ އެވެ.
ރައްގާގައި ކަސިކީ މަސައްކަތް ކުރީ މައިންނަށް ހާއްސަ ހޮސްޕިޓަލެއްގަ އެވެ. އޮބްޒާވާ އަށް ދިން އިންޓަވިއުއްގައި ކަސިކީ ބުނީ އޭނާ އިނީ އެ ހޮސްޕިޓަލުގެ ހާލަތު ހުރި ގޮތުންނާއި ބަލި މީހުންނަށް މުއައްޒަފުން އަޅާނުލާ މިންވަރު ފެނިފައި ހައިރާންވެފައި ކަމަށެވެ. އަދި ރައްގާގައި އެންމެ މަތީ ފަންތީގެ މީހުންނަކީ "ހަރުކަށި ބޭރުގައުމުތަކުގެ ހަނގުރާމަވެރިން" ކަމަށާއި ސޫރިޔާގެ ރައްޔިތުން ތިބެންޖެހެނީ އެމީހުންގެ ދަށު ވެފައި ކަމަށް ކަސިކީ ބުންޏެވެ.
އެހެން ކަމުން، ސޫރިޔާއަށް ދިޔަތާ މާގިނަ ދުވަސްތަކެއް ނުވެ، އޭނާއާއި އޭނާގެ ދަރިފުޅުގެ ރައްކަލަށްޓަކައި ފްރާންސަށް އަނބުރާ ދިޔުމަށް ކަސިކީ ބޭނުންވި އެވެ.
"އަހަރެން ގެޔަށް ފޮނުވުމަށް [އައިއެސްގެ ފަރާތުން] އެދުނިން. ކޮންމެ ދުވަހަކު އަހަރެން ބުނަން އަހަރެންގެ ދަރިފުޅު އޭނާގެ ބައްޕަ ދެކެން ބޭނުންވާ ވާހަކަ. އެންމެ ފުރަތަމަ އެމީހުން ދެއްކީ ބަހަނާ. ދެން ދޭން ފެށީ އިންޒާރު. އަހަންނަކީ އެކަނިވެރި މައެއް ކަމުން، ދަރިފުޅާ އެކު އެއްވެސް ތަނަކަށް އެކަނި ދާން މަސައްކަތް ކޮށްފި ނަމަ އަހަރެން ރަޖަމު ކުރާނެ ކަމަށް އެމީހުން ބުނި،" ކަސިކީ ކިޔައިދިނެ އެވެ.
ކަސިކީ ސީރިޔާގައި އުޅުނީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅާ އެކުގަ އެވެ.
އޭގެ ފަހުން އައިއެސްގެ ހަނގުރާމަވެރިން ކަސިކީ އާއި އޭނަގެ ދަރިފުޅު ގެންދިޔައީ އެޖަމާއަތުގެ "ގެސްޓްހައުސް" އަކަށެވެ. ނަމަވެސް، ގެސްޓްހައުސްއަކަށް ވުރެ އެތަން ވައްތަރީ ބޭރުގައުމުތަކުން އަންނަ އަންހެނުންނަށް ހަދާފައިވާ ޖަލެއްގެ ގޮތުގައި ކަމަށާއި އެ ޖަލުން ސަލާމަތްވެވޭނީ އައިއެސްގެ ހަނގުރާމަވެރިއަކާ ކައިވެނި ކުރުމުން ކަމަށް ކަސިކީ ބުންޏެވެ.
"އަސްލު ހުޅަނގުގެ ގައުމުތަކުން ގެންނަ ހުރިހާ އަންހެނުންނަކީ ހަމައެކަނި ދަރިން ހޯދުމުގެ ބޭނުގައި އައިއެސްއިން ގެންނަ އަންހެނުން،" އެ ގެސްޓް ހައުސް އިން ފެނުނު މަންޒަރުތައް ސިފަކޮށްދެމުން ކަސިކީ ބުންޏެވެ.
ކަސިކީ އެ ގެސްޓްހައުސް އިން ސަލާމަތްވީ އެ ގޭގައި ކައިވެނި ހަފްލާއެއް ބޭއްވި ދުވަހަކު ގޭގެ ދޮރު ތަޅުނުލާ ހުއްޓަ އެވެ. އަދި އޭނާގެ ނަސީބު ރަނގަޅު ކަމުން، އެމީހުންނަށް ލިބިދާނެ ގެއްލުމަކަށް ނުބަލައި ކަސިކީ އާއި އޭނާގެ ދަރިފުޅަށް ހިމާޔަތް ދިން ސޫރިޔާގެ އާއިލާއަކާ ދިމާވުމުންނެވެ.
އޭގެ ފަހުން، 25 އޭޕްރިލް 2015 ވަނަ ދުވަހު އައިއެސްއާ އިދިކޮޅު ފަރާތެއްގެ އެހީ އާއެކު ކަސިކީ އާއި އޭނާގެ ދަރިފުޅަށް ތުރުކީއާ ސޫރިޔާއާ ގުޅޭ ހުރަސްރޮނގަށް ވާސިލުވި އެވެ. އެހާ ހިސާބަށް ދެވެންދެން ކަސިކީ އިނީ އޭނާގެ ހެދުމުގެ ދަށުގައި ދަރިފުޅު ފޮރުވައިގެންނެވެ. އައިއެސްގެ މެމްބަރުންނަށް އެކަން އެނގުނު ނަމަ ކަސިކީ އާއި އޭނާގެ ދަރިފުޅުގެ އިތުރުން އެމީހުންނަށް އެހީވީ ފަރާތްތައް ވެސް އައިއެސް އިން މަރާލާނެ ކަމަށް ކަސިކީ ބުންޏެވެ.
ނުރައްކާތެރި ދަތުރަކަށް ފަހު، ކަސިކީ ފްރާންސަށް ދިޔުމާ އެކު އެގައުމުގެ ފުލުހުން ވަނީ އޭނާއާ ސުވާލު ކުރުމަށް ޓަކައި ދެ މަސް ވަންދެން އެގައުމުގެ ޖަލުގައި ހައްޔަރުކޮށްފައި ބަހައްޓައިފަ އެވެ. ނަމަވެސް، މިހާރު އޭނާ ވަނީ މިނިވަންކޮށްފަ އެވެ. އަދި ދިރިއުޅެމުން ދަނީ އޭނާގެ އާއިލާ އެއްކޮށެވެ.
"މިހާރު އަހަރެން މަސައްކަތް ކުރަން އެބަޖެހޭ އެހެން މީހުން އެ ދަލުގައި ޖެހުމުން ހުއްޓުވަން. އަހަރެން ބުނާނީ [އައިއެސްއާ ގުޅެން] ނުދާށޭ،" ކަސިކީ އިލްތިމާޒް ކުރި އެވެ.
ފްރާންސުގެ ޖާސޫސީ އިދާރާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެގައުމުގެ 220 އަންހެނުން މިހާރު ވެސް އައިއެސްއާ ގުޅިގެން ސޫރިޔާއާއި އިރާގުގައި ދިރިއުޅެ އެވެ.