ނިއުދިއްލީ (ޖަނަވަރީ 12) -ފަރަންސޭސިވިލާތުން އުފައްދާ ރަފާލް މަރުކާގެ ފައިޓަޖެޓް ގެ 36 ބޯޓު ގަތުމުގެ އެއްބަސްވުމުގެ އެންމެ ފަހުގެ މަރުޙަލާ ނިމެމުންދާކަމަށް އިންޑިޔާގެ ދިފާއީ ވަޒީރު މަނޯހަރު ޕަރިކާ ވިދާޅުވެއްޖެ އެވެ.

ނިއުދިއްލީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕަރިކާ ވިދާޅުވީ، އަންނަމަހު ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ނިއުދިއްލީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މި ކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ރާވާފައިވާ ކަމަށެވެ.

އިންޑިޔާ ގެންދަނީ އެގައުމުގައި ހުރި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުގެ ޓެކްނޮލޮޖީގެ ފައިޓަޖެޓްތައް ޒަމާނީ ޓެކްނޮލޮޖީގެ ޖެޓްތަކަށް ބަދަލުކުރަމުންނެވެ.
މިކަމަށް މަދުވެގެން 100 ބިލިޔަނަށްވުރެ ގިނައަދަދެއްގެ ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވިފައިވާއިރު މިއީ އިންޑިޔާފަދަ ފަގީރު ގައުމަކަށް އެއްފަހަރާ ކުރެވޭނެ ޚަރަދަކަށް ނުވެއެވެ. މީގެއިތުރުން އިންޑިޔާ ސިފައިން ބޭނުންކުރާ ކުރީގެ ޓެކްނޮލޮޖީގެ އެހެން ބަރުހަތިޔާރުތައްވެސް ޒަމާނީ ހަތިޔާރަށް ބަދަލުކުރުމަށް އިންޑިޔާ ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިޔާ ގެންދަނީ ފަރަންސޭސިވިލާތާއި ރަޝިޔާއިން ޒަނާމީ ޓެކްނޮލޮޖީގެ ފައިޓަޖެޓް ގަތުމަށް މަސައްކަތް ކުރަމުންނެވެ. ފަރަންސޭސިވިލާތުން ގަތުމަށް އިންޑިޔާ ނިންމާފައިވަނީ ފަރާލް މަރުކާގެ 126 ފައިޓަޖެޓެވެ. އޭގެ އަގަކީ 12 ބިލިޔަން ޑޮލަރެވެ. ނަމަވެސް މިއީ އިންޑިޔާގެ ބަޖެޓަށް ކެތްވާވަރުގެ އަދަދަކަށް ނުވާތީ މިހާރު އިންޑިޔާއިން ގަންނަނީ ރަފާލް މަރުކާގެ 36 ފައިޓަޖެޓެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ހަތިޔާރު އަމިއްލައަށް އުފެއްދުމަށެވެ.

އިންޑިޔާ ފަދަ ބޮޑު ގައުމެއް ހަތިޔާރު ގަތުމަށް އެހެން ގައުމުތަކަށް ބަރޯސާ ވުމަކީ ޚަރަދުގެ ގޮތުންނާއި އަދި އެނޫންވެސް ގޮތްގޮތުން ރަނގަޅުކަމެއް ނޫންކަމަށް މޯދީ ދެކެވަޑައިގަންނަވައެވެ. ޒަމާނީ ހަތިޔާރު އުފެއްދުމަށްޓަކައި އިންޑިޔާ ގެންދަނީ ރަޝިޔާގެ ޓެކްނޮލޮޖީއާއި ފަންނީ އެހީއާއެކު ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންނެވެ.

އިންޑިޔާގެ ބޮޑުކަމާއި އެގައުމު ބައިނަލްއަގްވާމީ މަސްރަހުގައި އަދާކުރަންޖެހޭ ދައުރާއަޅާބަލާއިރު ހަތިޔާރުގެ ޓެކްނޮލޮޖީގައި އެގައުމުވަނީ ވަރަށް ދަށުގައެވެ.

ޗައިނާފަދަ ގައުމުތައްވަނީ ހަތިޔާރުގެ ޓެކްނޮލޮޖީގައިވެސް އަދި އިލެކްޓްރޯނިކްސްއާއި ޒަމާނީ ޓެކްނޮލޮޖީގެ އެހެން ދާއިރާތަކުގައިވެސް އިންޑިޔާއާ އަޅާބަލާއިރު ވަރަށް ކުރީގައެވެ. އަދި ފަގީރުކަމާއި ނާތަހުޒީބުކަން ކުޑަކުރުމުގައި ޗައިނާފަދަ ތަންތަން ފާއިތުވި ސާޅީހަކަށް އަހަރު ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް އަރަން ގާތްވެފައިވާއިރު އިންޑިޔާގެ ޙާލަތުވަނީ ތަރައްގީވަމުންދާ ގައުމުގެވެސް އެންމެ ދަށް ގިންތީގައެވެ.

މޯދީ މަސައްކަތް ކުރައްވަނީ ޗައިނާފަދަ ގައުމުތައް ކުރިޔަށް ދިޔަގޮތަށް އިންޑިޔާ ކުރިއަށް ގެންގޮސް ތަރައްގީއާއި އިގްތިސާދުގައި މެދުފަންތީގެ ގައުމަކަށްވުރެ މައްޗަށް އިންޑިޔާ ގެންދިޔުމަށެވެ. (ނޫސްއެޖެންސީތައް)