ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ވަނަ ފަހަރަށް އާޖެންޓީނާގެ ލިއޮނަލް މެސީ ހޯދައިފި އެވެ.

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން ދާ މެސީ އެ އެވޯޑް ހޯދީ މިދިޔަ އަހަރު މި އެވޯޑް ހޯދި ޕޯޗްގަލްގެ ކްރިސްތިއާނޯ ރޮނާލްޑޯ އާއި ބްރަޒިލްގެ ނޭމާ ޑަސިލްވާއާ ވާދަކޮށްގެންނެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ފީފާ ބެލޮންޑިއޯ އެވޯޑް މިއަހަރު ހޯދި މެސީ އެ އެވޯޑް ހިފައިގެން --- ފޮޓޯ:އޭޕީ

"އަހަރެން ކުޑައިރުން ފެށިގެން ވެސް އުންމީދު ކުރަމުން އައި ދުވަހެއް މިއީ. ހުރިހާ ވެސް ޝުކުރެއް ހައްގު ވެގެން ވަނީ އަހަރެންގެ ޓީމްގެ ކުޅުންތެރިންނަށް. އެ މީހުންނާއި ނުލާ އަހަރެންނަކަށް އެއްވެސް ކާމިޔާބީއެއް ނުލިބޭނެ،" ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ އެވޯޑް އުފުލާލުމަށް ފަހު މެސީ ބުންޏެެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ބާސާއަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި މެސީއަށް އަށް ވޯޓުގެ 41.33 ޕަސެންޓް ލިބުނެވެ. ދެ ވަނަ އަށް ދިޔައީ މިދިޔަ އަހަރު ފީފާގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ހޯދި ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ އަށް ވޯޓުގެ 27.76 ޕަސެންޓް ލިބުނެވެ. އަދި ތިން ވަނަ އަށް ދިޔައީ 7.86 ޕަސެންޓް ވޯޓާ އެކު، ބާސާގެ ބްރެޒިލް ފޯވާޑް ނޭމާ ދަ ސިލްވާ އެވެ.

މިދިޔަ ސީޒަނުގައި ބާސާއަށް ކުޅެދިން 57 މެޗުގައި 58 ގޯލް ކާމިޔާބް ކޮށްފައިވާ މެސީ ވަނީ އެ ކުލަބާއި އެކީ މިދިޔަ ސީޒަނުގެ ލަލީގާއާއި ކޮޕަޑެލެރެއާއި ޔޫއެފާ ޗެމްޕިއަންސް ލީގް އާއި ސްޕާ ކަޕްގެ އިތުރުން ފިފާ ކުލަބް ވޯލްޑްކަޕް ވެސް އުފުލާލާފައެވެ. އެ ފަސް މުބާރާތް ބާސާ ކާމިޔާބް ކުރިއިރު އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ވެސް މެސީ އެވެ.

މިރޭ ސްވިޒަލެންޑުގެ ޒިއުރިކުގައި ބޭއްވި ފީފާ އެވޯޑް ނައިޓުގައި ދުނިޔޭގެ މޮޅުކުޅުންތެރިއާގެ މަގާމް މެސީ ހޯދުމުން އޭނާ ވަނީ އާ ރެކޯޑެއް ގާއިމް ކޮށް ތާރީހްގެ ތެރެއަށް ވަދެގެން ގޮސްފައެވެ. އެ ގޮތުން ފީފާ ބެލޯންޑޯ އެވޯޑް ޖެހިޖެހެގެން ތިން އަހަރު ހޯދައި ޖުމްލަ ފަސް ފަހަރު އެ އެވޯޑް އުފުލާލި ހަމައެކަނި ކުޅުންތެރިއަކީ ވެސް މެސީ އެވެ.

އެގޮތުން 2009، 2010، 2011، 2012 އަދި 2015 ވަނަ އަހަރު މެސީ ވަނީ ބެލޯންޑޯ އެވޯޑް އުފުލާލާފައެވެ.