ފިރިހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ވާހަކަ އެއްވެސް މީހަކު ނުދައްކާ ކަމަށާއި ފިރިހެނުންގެ ހައްގުތައް އެނގޭ ގޮތަށް ގާނޫނެއް އެކުލަވާލައި ގާނޫނަކުން ފިރިހެނުންނަށް ހިމާޔަތްދޭން ޖެހޭ ކަމަށް ދިއްލީ ކޯޓުން ބުނެފި އެވެ.

އިންޑިއާގައި އަންހެނަކު 2010 ވަނަ އަހަރު ރޭޕް ކުރި ކަމަށް ބުނެ ފިރިހެނެއްގެ މައްޗަށް ދައުވާކުރި މައްސަލަ ސާބިތުވުމުން އެ މައްސަލަ އޭނާގެ ފަރާތުން މަތީ ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފި އެވެ. އިސްތިއުނާފު މައްސަލަ ކޯޓުން ނިންމާފައި ވަނީ އަންހެން މީހާ ދޮގު ހެދި ކަމަށެވެ.

އެމައްސަލާގައި ނިއުދިއްލީ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ފިރިހެން މީހާގެ ފަރާޓުން އެކަހަލަ ކަމެއް ކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި އަންހެން މީހާއަށް އިންޒާރުދީ މަރާލާނެ ކަމަށް ބުނެ އާއިލާއަށް ވެސް އިންޒާރުދީފައި ނުވާކަމަށް ކީޓުން ވަނީ ބުނެފަ އެވެ.

އެމައްސަލައާ ގުޅިގެން ފިރިހެން މީހާގެ އަބުރާއި އިއްޒަތަށް ބޮޑެތި ގެއްލުނަތަކެއް ލިބިފައިވާ ކަމަށް ބުނެ ހުކުމް ކޮށްފައި ވަނީ ނިއުދިއްލީ ކޯޓުގެ އަންހެން ފަނޑިޔާރެކެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައުގައި އޭނާގެ އަގުވެއްޓި މީހުން ބަލައި ނުގަންނަ ކަމަށާއި އެހެންކަމުން އެކަމުގެ ބަދަލު ލިބެން ޖެހޭ ކަމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

"ފިރިހެނުންގެ އަބުރާއި އިއްޒަތުގެ ވާހަކަ އެއްވެސް މީހަކު ނުދައްކާ. އެކަމަކު އަންހެނުންގެ ހައްގުތަކުގެ ވާހަކަ އެންމެންވެސް އަންނަނީ ދައްކަމުން،" ފަނޑިޔާރު ނިވެދިތާ އަނިލް ޝަރުމާ ވިދާޅުވެފައިވެ އެވެ.

އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގާނޫނުތައް ހެދިފައިވާކަން ފާހަގަކޮށް ފިރިހެނުންނަށް ޓަކައި ތައްޔާރުކޮށްފައި ގާނޫނެއް ކޮބާތޯ ފަނޑިޔާރު ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި ވިދާޅުވީ ކުށަކާ ނުލާ އަދަބު ދެވޭ އެފަދަ މައްސަލަތަކުން ފިރިހެނުން ސަލާމަތް ކުރުމަށް ގާނޫނެއް މުހިންމު ކަމަށެވެ.

އެމައްސަލާގައި އަންހެން މީހާ ބުނެފައި ވަނީ ދެ އަހަރުވަންދެން ތަފާތު އެކި ފަހަރުމަތިން އޭނާ ރޭޕްކޮށްފައިވާ ކަމަށާއި އޭނާ މަރާލާނެ ކަމުގެ އިންޒާރު ވެސް ފިރިހެން މީހާ ދީފައިވާ ކަމަށެވެ.